އިމާދު ލަތީފު
އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިހަފުތާގައި ވިދާޅުވި ވާހަކަފުޅަކާ ގުޅިގެން މުޅި ދުނިޔެއަށް ހައިރާންކަމާއި ނުތަނަވަސްކަން ވަނީ ކުރިމަތިވެފައެވެ. ޓްރަމްޕު ވިދާޅުވިއެވެ. ފަލަސްތީނުގެ ގާޒާގައި ދިރިއުޅެން ޚިޔާލުކޮށްގެން އެއްވެސް ބަޔަކު އެތަނަށް ދާނޭކަމެއް ނެތެވެ. ހަގުރާމަޔާއި ވީރާނާކަމުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ގާޒާ ދޫކޮށް އެހެން ތަންތަނަށް ދިޔަ މީހުންވެސް އަލުން ގާޒާއަށް ދާނޭ ކަމެއް ނެތެވެ. ގާޒާގައި މިހާރު ތިބިބަޔަކު ވިއްޔާ ކުރަންވީ ކަމަކީ އެތަނުން އަވަހަށް ފައިބައިގެން މިސްރަށް ނުވަތަ ޖޯޑަނަށް ދާންވީއެވެ. ދިރިއުޅުމެއް ލިބެންއޮތް ކޮންމެ ތަނަކަށްވެސް ދާންވީއެވެ. ގާޒާ މުޅިން ހުސްކޮށްފައި ދެން ކުރަންވީ ކަމަކީ އެމެރިކާއާ ހަވާލުކުރަންވީއެވެ. ގާޒާ ތަރައްގީކޮށް ބޮޑެތި ރިސޯޓުތަކާއި ހިތްފަސޭހަ ބަގީޗާތައް ގާއިމުކޮށް އެމެރިކާގެ ރައްޔިތުންނަށްޓަކައި ގާޒާ އާރާސްތު ކުރެވޭނެ ކަމަށްވެސް ރައީސް ޓްރަމްޕު ވިދާޅުވިއެވެ.
ގާޒާއާމެދު ޓްރަމްޕު މި ދެއްކެވި ވާހަކަފުޅަކީ އެއްގޮތަކުން އައު ވާހަކަފުޅެއް ނޫނެވެ. ޓްރަމްޕުގެ އައު ދައުރަށް މަރުހަބާ ކިޔުމަށާއި ޓްރަމްޕަށް ތަހުނިޔާ ކިޔުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ މިހަފުތާގައި އެމެރިކާއަށް ދިއުމުގެ ކުރިންވެސް ގާޒާއާމެދު ޓްރަމްޕު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެފަހަރު ވިދާޅުވީ ގާޒާއިން މީހުން ބާލައި ހުސްކުރާ ވާހަކަ އެކަންޏެވެ. ގާޒާއަކީ އެމެރިކާގެ ސަރަހައްދަކަށް ހަދައިގެން އެމެރިކާގެ މަހުޖަނުންގެ ބަގީޗާތަކުގެ ސުވަރުގެޔަކަށް ބަދަލުކުރާ ވާހަކަ ވިދާޅެއް ނުވެއެވެ. އެވާހަކަ ވިދާޅުވީ ނަތަންޔާހޫއާ ބައްދަލު ކުރެެއްވުމަށް ފަހުގައެވެ. ޓްރަމްޕަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ގައުމުގެ ވެރިޔާއެވެ. އެހެންވީމާ އޭނާ ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް އެކަމާ ދޭތެރޭ ވިސްނައި ފިކުރުކުރާން މީސްތަކުންނަށް އެބަޖެހެއެވެ. ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމަށް ނުވީނަމަ މިއީ މޮޔަ އަޖުނަބީއަކު ދައްކާ ކަހަލަ ވާހަކައެއް ކަމަށް ބަލައިގެން އެއްވެސް ބަޔަކު މިވާހަކަތަކާމެދު ނުވެސް ވިސްނާނެއެވެ.
ޓްރަމްޕުގެ ކަންކަމާމެދު އެއްވެސް ބަޔަކު ކަންބޮޑުވެގެންނެއްވެސް ނޫޅޭނެއެވެ. ޓްރަމްޕުގެ މިޒާޖާއި ޚަސީލަތުގެ މައްޗަށް ވިސްނައި ދިރާސާކުރާ މީހުން ބުނަނީ މިހެންނެވެ. ޓްރަމްޕު ވިދާޅުވާ ހުރިހާ ވާހަކަފުޅަކީ ސީރިއަސްކަން އެކުލެވޭ ވާހަކަފުޅުތަކެއް ނޫނެވެ. ހަމަ އެހެން ހުންނަވާފައި މޮޅު އެއްޗެއް ވިދާޅުވެދާނެއެވެ. ސުުރުޚީ ހެއްދެވުމުގެ ގޮތުންނެވެ. އިރުކޮޅެއް ކުރިން މީހަކު ބުނާތީ އިވިވަޑައިގަތް އެއްޗެއްވެސް ތަކުރާރު ކުރައްވައިފާނެއެވެ. ބަޔަކު ބުނިކަމަށް ހީވި ހީވުމަކަށްވެސް އެއްޗެއް ވިދާޅުވެދާނެއެވެ. އެހެންވީމާ ގާޒާޔާމެދު އެވިދާޅުވި ވިދާޅުވުމަކީ އެއްވެސް ސީރިއަސްކަމެއްނެތި ހަމައެކަނި ސުރުޚީތަކެއް ހެއްދެވުމުގެ މަގުސަދުގައި ދޫކޮށްލެއްވި އެއްޗަކަށްވެސް ވެދާނެއެވެ. ހައްތާވެސް ވެދާނޭ ގޮތްގޮތެވެ. އަދިވެސް މިކަހަލަ އެހެން ގޮތެއް އެބައޮތެވެ. ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ޓްރަމްޕަކީ ވިޔަފާރިވެރިއެކެވެ. އޭނާގެ ވިޔަފާރި ޚާއްސަވެފައިއޮތީ ހެޔޮއަގުގައި ބިން ގަނެގެން އެބިންބިމުގައި އިމާރާތްތައް ހަދައި ކުއްޔަށް ދިނުމާއި ވިއްކުމުގެ ދާއިރާގައެވެ.
މާބޮޑެތި އިންވެސްޓްމަންޓްތަކެއް ނެތި ތަރައްގީގެ ކަންފުޅެއްވެސް ނެތް ބިންބިން ގަނެގެން އެތަންތަނުން މަންފާ ހޯދާނޭގޮތް ޓްރަމްޕު ވަނީ ތަޖުރިބާ ކުރައްވައިފައެވެ. އެހެންވީމާ ގާޒާއާމެދު އޭނާ ދެކެވަޑައިގަންނަވަނީ ވިޔަފާރި މުދަލެއްގެ ގޮތުގައި ކަމަށް ވެދާނެއެެވެ. ގާޒާގެ މައްސަލަޔަކީ ސިޔާސީ މައްސަލައަކަށް ނުބައްލަވައި ވިޔަފާރީގެ މަންފާ ނެގެން އޮތް ބިމަކަށް ބައްލަވަނީ ކަމަށްވެސް ވެދާނެއެވެ. މިސާލު ބަހެއްގައި އޮވެއެވެ. އެއްފުޅައް މަތިން ފުންމާލި ބަކަރި އަނެއް ފުޅައް މަތިންވެސް ފުންމައިލާނެއެވެ. ހަމައެގޮތަށް ރައީސް ޓްރަމްޕުގެ ވާހަކަފުޅުތައް ގާޒާޔާ ހަމަޔަކުން ނުނިމޭނެއެވެ. ހުޅަނގު އައްސޭރިޔާ މެދުވެސް ހުކުމެއް އިއްވަވާނެއެވެ. އިރުމަތީ ގުދުސާއި އަގްސާ މިސްކިތާއި ހުޅަނގު އައްސޭރީގެ މުސްތަގުބަލާމެދު ޓްރަމްޕުގެ ތަސައްވުރު ހާމަކުރެއްވުން އަދިއޮތީ ކުރިއަށެވެ.
އެމެރިކާގެ ނޫސްވެރިޔަކު ދާދިފަހުން ޓްރަމްޕާ ސުވާލު ކުރިއެވެ. މުޅި ހުޅަނގު އައްސޭރި އިޒްރޭލުގެ ސިޔާދަތީ ހުކޫމަތުގެ ތެރެއަށްލުމާމެދު ޚިޔާލުފުޅަކީ ކޮބައިތޯއެވެ. ޖަވާބުގައި ޓްރަމްޕު ވިދާޅުވިއެވެ. މުޅި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ފުރިހަމަ ސިޔާދަތު އޮތުމަކީ ވަރަށް ގިނަބަޔަކު ބޭނުންވާ ގޮތެވެ. ހުޅަނގު އައްސޭރިޔަކީ އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ސަރަހައްދެއް ނޫނެވެ. އެކަމަކު މިމައްސަލައިގައި ސަރުކާރުގެ ރަސްމީ ވަކި ނިންމުމެއް ނެތެވެ. އެހެންވީމާ އެ ނިންމުން ނިންމަވައި ވަރަށް އަވަހަށް އިއުލާން ކުރައްވާނޭ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ. އެވިދާޅުވާ ނިންމުން އަންނާނެގޮތްވެސް ވަރަށް ސާފެވެ. ވިދާޅުވާނެއެވެ. ހުޅަނގު އައްސޭރީގެ ސަހަރުތަކުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އަރަބި ގައުމުތަކަށް ފޮނުވައިލާނީއެވެ. މިސްރުން އެކަމަށް އެއްބަސްނުވިއްޔާ ނީލަކޯރުގެ ފެން ބަންދުކޮށްލާނީއެވެ. ދެކޮޅުހަދާ ކޮންމެ ބަޔަކު ކުޑަކަކޫ މައްޗަށް ތިރިކޮށްލާނީއެވެ. ގުދުސޭ އަގްސާއޭ ކިޔާ ކޮންމެ މީހަކު ޓެރަރިސްޓަކަށް ހަދާނީއެވެ.
މިގޮތަށް ޓްރަމްޕު ވިދާޅުނުވާނެއެކޭ ބުނަން މިހާރު ހަމައެކަކަށްވެސް ނުކެރޭނެއެވެ. ދެންއޮތީ ޓްރަމްޕުގެ މި ހުވަފެންތަކުގައި ކުލަޖެއްސިދާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. މީގެ ޖަވާބުގައި ބުނަންޖެހެނީ ނޫނެކޭއެވެ. އަރަބި އެއްވެސް ގައުމަކުން ޓްރަމްޕުގެ މިޚިޔާލު ބަލައެއް ނުގަންނާނެއެވެ. ފަލަސްތީނުގެ ރައްޔިތުން ގާޒާއަކުން ހުޅަގުއައްސޭރިޔަކުން އަމިއްލަޔަށް ނުނިކުންނާނެއެވެ. އެމެރިކާގެ ރައީސްކަމުގައި ތާއަބަދަކު ޓްރަމްޕެއްވެސް ނުހުންނަވާނެއެވެ. ގިނަވަގެން ހަތަރު އަހަރެވެ. އެއީ މިކަންކަން މިމަގުން ނިންމައިލުމަށް އެކަށޭނަ މުއްދަތެއްވެސް ނޫނެވެ. ޓްރަމްޕު ބޭނުންފުޅުވިޔަސް އޭނާއަކަށް ޑިކްޓޭޓަރަކަށް ނުވެވޭނެއެވެ. އަދި އެމެރިކާ ބޭނުންވިޔަސް ދުނިޔޭގެ ޑިކްޓޭޓަރަކީ އެމެރިކާ ކަމަކަށްވެސް ނުހެދޭނެއެވެ. ވީމާ ހަމާސް ޖަމާއަތާއި އީރާނުންވެސް އެބުނާފަދައިން ޓްރަމްޕުގެ ހުވަފެންތައް ނިމިގެންދާނީ ބިލާހެއްގެ ގޮތުގައެވެ. އެއިން ހުވަފެނެއްގައި ދުވަހަކުވެސް ކުލަޖެހުމެއް ނުވެއެވެ.