ޔޫއެސްއެއިޑް އުވާލުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ.
އެމެރިކާގެ އާ ސަރުކާރުން އެ ގައުމުން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ޔޫއެސް އެއިޑް ހުއްޓާލައި އުވާލުމަށް މަސައްކަތް ފަށާފައިވާއިރު މިވަގުތަށް ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރު އަދި ބިލިއަނަރު އެލަން މަސްކު ހޯމަ ދުވަހު ވަނީ ޔޫއެސްއެއިޑްގެ ހުރިހާ މުވައްޒަފުން ވަގުތީގޮތުން ގޭގައި މަޑުކުރުމަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޔޫއެސްއެއިޑް ބަންދުކޮށް އުވާލާނެ ކަމަށް މަސްކު ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ވައިޓް ހައުސް އިން މި ކަމުގައި އެއްވެސް މައުލޫމާތެއް ދީފައެއްނުވެއެވެ.
ޔޫއެސް އެއިޑުގެ މަސައްކަތަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށުމާއެކު އެ އެޖެންސީގެ ވެބްސައިޓް ވެސް ވަނީ އަޕްޑޭޓް ކުރުން ހުއްޓާލާފައެވެ. އަދި މީގެ އިތުރުން ޔޫއެސްއެއިޑްގެ އެންމެ އިސް އޮފިޝަލުން ވެސް ޗުއްޓީތަކަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.