ދުނިޔެ

ތިން ދުވަސްތެރޭ އެމެރިކާގައި ހިނގި ފުލައިޓު ވެއްޓުމުގެ ދެވަނަ ހާދިސާގައި 7 މީހަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

ތިން ދުވަސްތެރޭ އެމެރިކާގައި ދެ ފުލައިޓު ވެއްޓިފައިވާއިރު، ދެވަނަ ފްލައިޓުން ހަތް މީހަކު މަރުވެއްޖެއެވެ.

އެމެރިކާގެ ފިލިޑެލްފިއާގައި ދަތުރުކުރަމުން ދިޔަ މެޑިކަލް ފްލައިޓެއް ވެއްޓިފައިވަނީ މީހިން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއްޔެ ހިނގި މި ހާދިސާގައި، މަރުވީ ވެއްޓުނު ފްލައިޓުން ދަތުރުކުރި ހަ މީހުންގެ އިތުރުން ފްލައިޓު ވެއްޓުނު ސަރަހައްދުގައި ކާރު ދުއްވަމުން ދިޔަ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުވައި މި ފުލައިޓުން ދަތުރުކޮށްފައިވަނީ މެކްސިކޯއަށް ނިސްބަތްވާ ބައެކެވެ. މި މެޑިކަލް ފްލައިޓު އެ ވަގުތު ދަތުރުކުރަމުން ދިޔައީ ކުޑަކުއްޖަކަށް ފަރުވާ ދިނުމަށް ފަހު އެނބުރި މެކްސިކޯއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލައިޓު ވެއްޓުނު ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމުން ގިނަ ބަޔަކަށް އެ ހާދިސާގައި އަނިޔާވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު ތަހުގީގަށް އެ ސަރަހައްދު ބަންދުކޮށް ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ވޮޝިންޓަންގައި ވެސް ނިމިދިޔަ ހަފުތާގެ ފަހުކޮޅު ވަނީ އާންމުން ދަތުރުކުރަމުން ދިޔަ ފްލައިޓަކާއި މިލިޓަރީ ހެލޮކަޕްޓަރެއް ޖެހި އެ ދެ އުޅަނދުން ދަތުރުކުރި އެންމެން މަރުވެފައެވެ.