އިސްރާއީލާއި ތައިލެންޑުގެ 8 އަސީރަކު މިއަދު ދޫކޮށްލަން ނިންމައިފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިއަދު ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އިސްރާއީލަށް ނިސްބަތްވާ ތިން މީހަކާއި ތައިލެންޑަށް ނިސްބަތްވާ ފަސް މީހަކު ކަމަށް އޮފިޝަލުން ބުނެއެވެ.
ހަމަލާ ބަދަލުކުރުން މަޑުޖައްސާލުމުގެ މައްސަލައިގައި މެދުވެރިޔަކަށް ވި ގަތަރުން ވަނީ މިއަދު ދޫކޮށްލާ އިސްރާއީލު މީހުންގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެފައެވެ. އެގޮތުން އިސްރާއީލަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އާބެލް ޔަހުދް އާއި އުމުރުން 19 އަހަރުގެ އަގަމް ބާގާ އަދި އުމުރުން 80 އަހަރުގެ ގާދީ މޮސެސް ދޫކޮށްލާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ހަމާސް އިން މިއަދު ދޫކޮށްލާ ތައިލެންޑުގެ ފަސް މީހުންގެ މައުލޫމާތު އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
އިސްރާއީލާއި ހަމާސް އިން ކުރަމުން ދިޔަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސް އިން ވަނީ އެ ގުރޫޕުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމަށް އެއްބަސްވެފައެވެ. އަދި އިސްރާއީލުން ވެސް ވަނީ އެގައުމުގެ ޖަލުތަކުގައި ތިބި 2000 އެއްހާ ރަހީނުން ދޫކޮށްލަން އެއްބަސް ވެފައެވެ