ދުނިޔެ

ގްރީންލެންޑާއި ގަލްފް އޮފް މެކްސިކޯގެ ވާހަކަ މާގިނައިން ރައީސް ޓްރަމްޕް އެދައްކަވަނީ ކީއްވެގެން؟

އިމާދު ލަތީފު

ގަލްފް އޮފް މެކްސިކޯ

ގަލްފް އޮފް މެކްސިކޯއަކީ ދުނިޔޭގައިވާ އެންމެ ބޮޑު ގޮންޏެވެ. އެ ގޮނީގެ އައްސޭރީގެ ދިގުމިން 3700 މޭލެވެ. ގަލްފް އޮފް މެކްސިކޯގެ އައްސޭރި ލިބިގެންވާ އޮތީ ތިން ގައުމެކެވެ. މެކްސިކޯއާއި އެމެރިކާ އާއި ކިއުބާއެވެ. މީގެތެރެއިން ކިއުބާއަކީ މި ގަލްފުގެ އަނގަމަތީގައި އޮންނަ ޖަޒީރާ ގައުމެކެވެ. އެމެރިކާއަށް މި ގަލްފުން ލިބިފައިވާ އައްސޭރީގެ ދިގުމިނަކީ ގާތްގަޑަކަށް ސަތާރަސަތޭކަ މޭލެވެ. މެކްސިކޯއަށްވެސް ތޭރަސަތޭކައެއްހައި މޭލުގެ ދިގު އައްސޭރިއެއް ލިބިފައިވެއެވެ. ކޮންމެއަކަސް މި ގޮންޏަށް ގަލްފް އޮފް މެކްސިކޯއޭ ކިޔައި ނަންދީފައިވަނީ ދައުލަތެއްގެ ގޮތުގައި އެމެރިކާ ވުޖޫދުވުމުގެ ކުރިން މީލާދީ ސަނަތުން 1550 ވަނައަހަރުއެވެ. އެމެރިކާގެ މިނިވަން ދައުލަތް އިއުލާން ކުރުމުގެވެސް 226 އަހަރު ކުރިންނެވެ. މިނަމާމެދު މިހާތަނަށް އެމެރިކާގެވެސް މާބޮޑު ޝަކުވާއެއް ނެތެވެ. އެހެންބައެއްގެ ޝަކުވާއެއްވެސް ނެތެވެ. އެކަމަކު މިހާރު އެމެރިކާގެ ރައީސްކަމުގައި އެހުންނެވި ޑޮނަލްޑް ޓްރަމްޕަށް މިނަން އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ.

ނަމުގެ ސަބަބުން މި ގަލްފަކީ މެކްސިކޯގެ ގަލްފެއްކަމަށް މީހުން ހީކުރާތީޔޯލައެވެ. ޓްރަމްޕު ބޭނުންފުޅުވަނީ ގަލްފް އޮފް ފްލޮރިޑާ ނުވަތަ ގަލްފް އޮފް އެމެރިކާ ކަހަލަ ނަމެއް ދިނުމަށެވެ. އެކަން ކުރައްވާނެ ކަމަށް އެބަވިދާޅުވެއެވެ. ފަހަރުގައި އެއީ ޓްރަމްޕުގެ ސްޓޭޓަކީ ފްލޮރިޑާ ކަމަށްވާތީ އަދި އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން މި ގަލްފުގައި އެންމެ ދިގު އައްސޭރިއެއް ލިބިގެންވާ ސްޓޭޓަކީ ފްލޮރިޑާ ކަމަށްވާތީ އެ ސްޓޭޓަށްޓަކައި އޭނާ ގެންގުޅުއްވާ ޚިޔާލަކަށް ވެދާނެއެވެ. އެނޫން ސަބަބަކާހެދި ކުރައްވާ ޚިޔާލަކަށްވެސް ވެދާނެއެވެ. ރައީސް ޓްރަމްޕަކީ މެކްސިކޯއަށް ނަފުރަތު ކުރައްވާ ބޭފުޅެއްކަން މާކުރީއްސުރެ އޮންނަނީ އެނގިފައެވެ. މެކްސިކޯއާއި އެމެރިކާގެ ބޯޑަރުގައި ވަރުގަދަ އުސްފާރެއް ރާނައި މެކްސިކޯގެ މީހުން އެމެރިކާއިން ބޭރުކުރުމަކީ ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ ހިންގެވި އެންމެ ބޮޑު މަޝްރޫއެވެ. އެމެރިކާއަށް ޑްރަގް އެތެރެކޮށް އެމެރިކާގައި ކުށުގެ އަމަލުތައް ހިންގުމުގެ ފަހަތުގައި ތިބެނީ މެކްސިކޯގެ ރައްޔިތުން ކަމަށް ވިދާޅުވެފައެވެ.

ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެންފައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މެކްސިކޯ މީހުންނާ ދެކޮޅު އޮޕަރޭޝަނެއް އަނެއްކާވެސް ޓްރަމްޕު ވަނީ ފަށްޓަވައިފައެވެ. ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލުކުރުމުގެ ވާހަކަ އެދައްކަވަނީ މިކަމުގެ ތެރެއިންނެވެ. ކޮންމެއަކަސް ރަށްރަށާއި ކަނޑުކަނޑަށް ނަންދިނުމަކީ އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ކުރައްވާ ކަމެއް ނޫނެވެ. އޭނާ ބޭނުންފުޅުވިޔަސް އެއީ އަދި އެހެން ކުރެއްވޭނެ ކަމެއް ނޫނެވެ. ޚާއްސަގޮތެއްގައި އެ ކަނޑަކީ އެހެން ގައުމުތަކުގެ ހިއްސާވެސް އޮންނަ ކަނޑެއް ކަމުންނެވެ. މެކްސިކޯއިން މި މައްސަލައިގައި ބުނަނީ ކީކޭބާވައެވެ. އެމީހުން ބުނެއެވެ. ޓްރަމްޕަށް އައުނަމެއް ދެއްވޭނީ ޓްރަމްޕުގެ އަމިއްލަ ތަނެއްގައި އައު ކަނޑެއް ހައްދަވައިފައެވެ. އައު ގަލްފެއް ކޮންނަވައިފައެވެ. ގަލްފް އޮފް މެކްސިކޯއަކީ ޓްރަމްޕުގެ އަމިއްލަފުޅު މިލްކެއް ނޫނެވެ. އެހެންވީމާ އެކަނޑަށް ޓްރަމްޕު ބޭނުންފުޅުވީމާ ބޭނުންފުޅުވާ ނަމެއް ނުދެއްވޭނެއެވެ.

ގްރީންލެންޑް

ގްރީންލެންޑަކީ އުތުރު އެމެރިކާ ބައްރުގެ އިރުއުތުރުގައި ކެނެޑާއާއި ޖެހިގެން އޮންނަ ވަރަށް ބިޔަ ޖަޒީރާއެކެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާއެވެ. މި ޖަޒީރާ އޮންނަނީ މީލާދީ ސަނަތުން 1721 ވަނަ އަހަރުން ފެށިގެންވެސް ޑެންމާރކުގެ ވެރިކަމުގެ ދަށުގައެވެ. ދައުލަތެއްގެ ގޮތުގައި އެމެރިކާ އުފަންވުމުގެ ބައިގަރުނު ކުރިން ފެށިގެންވެސް ގްރީންލެންޑަކީ ޑެންމާރކުގެ ބައެކެވެ. އެތަނަށް ގްރީންލެންޑޭ ކިޔަނީ ފެހިކަމުގެ ބަގީޗާކައަކަށް ވެގެނެއް ނޫނެވެ. ގްރީންލެންޑުގެ ބޮޑުބަޔަކީ ގަނޑުފެނުގެ ޝީޓެކެވެ. މުޅިން ހުދު ބައްރެކެވެ. އެތަނަށް ގްރީންލެންޑޭ ކިޔައި ނަންދިނީ އެއީ ފެހިކަންގަދަ ތަނެއްކަމަށް ހީކޮށް މީސްތަކުން އެތަނަށްގޮސް ވަޒަންވެރިވުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އޮޅުވައިލުމުގެ ގޮތުންނެވެ. އެގޮތުން މިއަދާ ހަމައަށްވެސް އެއީ ގްރީންލެންޑެވެ. އެތަނުގެ ބިމުގެ އަޑީގައި ތެލާއި ގޭހާއި އެކިކަހަލަ މައުދަންތަކުގެ ޚަޒާނާތަކެއް އެބަހުއްޓެވެ. ރައީސް ޓްރަމްޕު މިހާރު ބޭނުންފުޅުވަނީ އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގްރީންލެންޑް ގެންނެވުމަށެވެ.

ގްރީންލެންޑުގެ ބޮޑުކަމާއި ބަލައިފައި ޑެންމާރކު ކަހަލަ ކުޑަކުޑަ ގައުމެއްގެ ސަރަހައްދެއްގެ ގޮތުގައި ގްރީންލެންޑް އޮވެގެން ނުވާނެ ކަމަށް ޓްރަމްޕު ދެކެވަޑައިގަންނަވައެވެ. ގްރީންލެންޑް އޮތުން އައުލާކަން ބޮޑީ އެމެރިކާގެ ވެރިކަމުގެ ދަށުގައި ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. ވެރިކަމުގެ ހުވައި ކުރެއްވުމުގެ ކުރިންވެސް ވިދާޅުވާން ފަށްޓަވައިފިއެވެ. ގްރީންލެންޑް ހިފާނަމެވެ. އިގްތިސާދީގޮތުން ޑެންމާރކަށް މަޖުބޫރުކޮށްގެންނެވެ. އެކަން އެމަގުން ނުކުރެވުނިއްޔާ އަސްކަރީބާރު ބޭނުންކޮށްގެންނެވެ. ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު މިވާހަކަފުޅު އެހެން ގޮތަކަށް ބަދަލު ކުރައްވައިފިއެވެ. މިހާރު ވިދާޅުވަނީ ޑެންމާރކަށް އަގުދީފައި ގްރީންލެންޑް ގަންނާނީޔޯލައެވެ. ގަތުމުގެ ވާހަކަ ދައްކަވަން ފެއްޓެވީ ހީވާގޮތުން ޑެންމާރކަކީ ޔޫރަޕުގެ އިއްތިހާދާއި ނޭޓޯގެވެސް މެންބަރަކަށްވާތީ ވަރަށް ގިނަ ގައުމުތަކުން ޓްރަމްޕުގެ ވާހަކަފުޅު ކުށްވެރިކުރާން ފެށުމުންނެވެ. ނޭޓޯގެ މެންބަރު ގައުމެއްގެ ސަރަހައްދެއް ހިފަން ނޭޓޯގެ އެހެން މެންބަރަކު އަސްކަރީބާރު ބޭނުންކުރުމަކީ މުޅި ޖަމާއަތް ފުނޑިގެން ހިނގައިދާނެ ކަމެއްކަމުގެ އިހުސާސް ކުރެވިގެންނެވެ.

ޑެންމާރކަށް އަގުދީފައި ގްރީންލެންޑް ގަތުމުގެ ވާހަކަ ފެއްޓެވީ މިސާލުވެސް ދައްކަވަމުންނެވެ. ވިދާޅުވިއެވެ. ބޮޑެތި ސަރަހައްދުތައް ގަތުމުގެ ތަޖުރިބާ އެމެރިކާގެ ކިބައިގައި އެބަހުއްޓެވެ. ޓްރަމްޕު އެ އިޝާރާތް ކުރައްވަނީ އެމެރިކާގެ އެންމެ ބިޔަ ސްޓޭޓް ކަމަށްވާ އެލަސްކާއަށެވެ. އެއީ ކެނެޑާއާ ޖެހިގެން އުތުރު އެމެރިކާ ބައްރުގެ އެންމެ ހުޅަނގު އުތުރުގައި އޮންނަ ސްޓޭޓެކެވެ. ކުރިން އެއީ ރަޝިޔާގެ ސަރަހައްދެކެވެ. އެތަން ރަޝިޔާއަށް 7.2 މިލިޔަން ޑޮލަރު ދީފައި އެމެރިކާއިން ގަތީ މީލާދީ ސަނަތުން 1867 ގައެވެ. އޭކަރަކަށް ޖެހިފައިވަނީ ގާތްގަޑަކަށް ދެ ސެންޓަށްވުރެވެސް ކުޑަ މިންވަރެކެވެ. ކޮންމެއަކަސް އެލަސްކާ ގެންފައިވަނީ ކުޑަކުޑަ އެއްޗެއް ދީފައެވެ. ގްރީންލެންޑަކީ އެލަސްކާއަށްވުރެވެސް ބޮޑު ސަރަހައްދެކެވެ. ގާތްގަޑަކަށް ވިހި އިންސައްތަ ބޮޑެވެ. މިޒަމާނުގެ އަގުން އަގުކުރީމާ ގްރީންލެންޑަށް ދައްކަންޖެހޭ އަގު ނުހަނު ބޮޑުވާނެއެވެ. އެއީ އަދި ޑެންމާރކުން ގްރީންލެންޑް ވިއްކަން އެއްބަސްވާނަމައެވެ. އެކަމަކީ ޑެންމާރކުން ކުރާނެ ކަމެއްވެސް ނޫނެވެ.