ގޮތް ނޭނގޭ 17 މަރާއެކު އިންޑިއާގެ އަވަށެއް ކަރަންޓީނުކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަޝްމީރުގެ އިންޑިއާ ފަަޅީގައި އޮންނަ ބުދާލް ނަމަކަށް ކިޔާ އަވަށުގައި މިދިޔަ އަހަރުގެ ޑިސެމްބަރު ހަތް ވަނަ ދުވަހުން ފެށިގެން 17 މަރުވެ، 11 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަވެގެން ބައެއް މީހުންވަނީ އެކަހެރިވެސް ކޮށްފައެވެ.
އޮފިޝަލުން ބުނާ ގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އަވަށް އެއްކޮށް ބަންދުކޮށް ދިރިއުޅޭ 300 އެއްހާ މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި މަރުވި 17 މީހުންގެ ގެތައްވެސް ބަންދުކޮށް މީހުން ވަދެ އުޅުން ވަނީ މަނާކޮށްފައެވެ.
މީހުން މަރުވާ ސަބަބު ހޯދުމަށް ސަމްޕަލް ނަގައި ޓެސްޓުތައް ހަދަން ފަށާފައިވާއިރު އޮފިޝަލުން ވަނީ އެ މީހުން މަރުވެފައިވަނީ ވައިރަހެއް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.