އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި މަޝްހޫރު އެކްޓްރެސް ޖެނިފަރ އެނިސްޓަންއާ ދެމެދު ގުޅުމެއް އޮންނަ ކަމަށް ބުނާ ވާހަކަތަކެއް ފެތުރެން ފަށައިފިއެވެ. މި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
މި ޚަބަރު އިތުރަށް ފެތުރުނީ ނޫސްވެރިޔާ މެގިން ކެލީ އެކަމާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ކެލީ ބުނީ މި ވާހަކަތަކުގެ ސައްހަކަން އޭނާއަށް ކަށަވަރު ނުކުރެވޭ ކަމަށާއި، ނަމަވެސް މިއީ ތެދު ވާހަކަތަކެއް ކަމުގައި ވާނަމަ، އެކަމުގެ ސަބަބުން އެމެރިކާގެ ޑިމޮކްރެޓިކް ދާއިރާތަކަށާއި މުޅި ގައުމަށް ވެސް ސިޔާސީ ގޮތުން ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.
މީގެ އިތުރުން، ކެލީ ފާހަގަކުރީ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާ ކުރީގެ ރައީސް ޖިމީ ކާޓާގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަތް ކަމާއި، ޑޮނަލްޑް ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިއުލާނު ކުރެއްވި ކަމަށެވެ. މިއީ އޮބާމާ އާއި އަނބިކަނބަލުންނާ ދެމެދުގެ ގުޅުންތަކުގައި ހުރި ހަމަނުޖެހުންތަކެއްގެ ނިޝާންތަކެއް ކަމަށް ލަފާކުރެވޭ ކަމަށްވެސް ކެލީ ބުނެފައިވެއެވެ. މިކަންކަމުގެ ސަބަބުން، އޮބާމާ އާއި ޖެނިފާއާ ދެމެދު އޮތް ކަމަށް ބުނާ ގުޅުމަކީ ސިޔާސީ އަދި އަމިއްލަ ގުޅުންތަކުގެ ބަދަލުވުމަކާ ގުޅިފައިވާ ކަމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށާފައިވާ ކަމަށްވެސް ކެލީ ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި މި މައުޟޫއާ ގުޅޭގޮތުން އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ހިޔާލު ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ. ބައެއް ފަރާތްތަކުން މި ވާހަކަތައް ސިފަކުރަނީ މުޖުތަމައަށް ލިބުނު ޝޮކެއްގެ ގޮތުގައެވެ. އެކަކު ފާޅުކުރި ހިޔާލެއްގައި ބުނެފައިވަނީ، "އޮބާމާގެ ވަރިވުމަކީ އެއްވެސް ފަރާތަކުން އަންދާޒާ ނުކުރާ ސިޔާސީ ބިންހެލުމަކަށް ވެދާނެ ކަމެކެވެ. މިއީ ބޮޑު ސިޔާސީ ހާދިސާއެކެވެ." މިފަދައިންނެވެ.
މި ހަބަރުތަކުގެ ސައްހަކަން އަދި ކަށަވަރު ނުވި ނަމަވެސް، މިއީ މި ދެ ފަރާތުގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް މީހުން ޝައްކުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި އޮކްޓޯބަރު މަހު، ޖިމީ ކިމެލް ލައިވް އެޕިސޯޑެއްގައި، ޖެނިފާ އާއި ބަރަކް އޮބާމާގެ ފޮޓޯއެއް ޖަހާފައިވާ މަޖައްލާއެއްގެ ކަވަރާ ބެހޭގޮތުން ވެސް ސުވާލު ކުރެވުނެވެ.
އެ މަޖައްލާގައި ލިޔެފައިވަނީ "ޖެން އާއި ބަރާކްއާ ގުޅޭ ހަގީގަތް" މިފަދައިންނެވެ. މި ސުވާލުގެ ޖަވާބުގައި ޖެނިފާ ހިނިތުންވެ، އޭނާގެ މެނޭޖަރު އެކަމާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ. އަދި އެ ވާހަކަތައް ދޮގުކޮށް، އެއީ ހަމައެކަނި ދަށު ފެންވަރުގެ ޓެބްލޮއިޑް ނޫހަކުން އުފައްދާފައިވާ ވާހަކައެއް ކަމަށް ބުންޏެވެ. އޭނާ ބުނީ އެކަމާ ރުޅި ނާންނަ ކަމަށާއި، އެއީ އެއްގޮތަކަށްވެސް ހަގީގަތެއް ނޫން ކަމަށެވެ.