ދުނިޔެ

އިރާނުގެ ސުޕްރީމްކޯޓަށް ވަދެ ބަޑިޖަހައި، އިސް ދެ ފަނޑިޔާރުން މަރާލައިފި

މުހައްމަދު އައުޒަމް

އިރާނުގެ ސުޕްރީމް ކޯޓުގެ އިސް ދެ ފަނޑިޔާރުން މަރާލައިފިއެވެ.

އިރާނުގެ ސުޕްރީމްކޯޓުގެ އެންމެ އިސް ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ ދެ ފަނޑިޔާރުން މަރާލާފައިވަނީ ބަޑިން ހަމަލާ ދީގެން ކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުން ބުނެފައިވާ ގޮތުގައި، އިސްފަނޑިޔާރު އަލީ ރާޒީނީ އަދި މުހައްމަދު މޮގީސޭ މަރާލާފައިވަނީ ބަޑި ހިފައިގެން ކޯޓަށް ވަތް މީހަކު ދިން ހަމަލާއެއްގައެވެ.

އެ ހާދިސާގައި ބަޑި ޖެހުމަށްފަހު އެމީހާ ފިލަން މަސައްކަތް ކުރި ކަމަށާއި ފަހުން އެމީހާ އަމިއްލަޔަށް މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހާދިސާގައި ކޯޓުގައި ހަރަކާތްތެރިވާ ހަށިފާރަވެރިޔަކުވެސް މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލާދިން ސަބަބު އަދި ހާމަވެފައި ނުވި ނަމަވެސް އެ ދެފަނޑިޔާރުން ފާހަގަވެފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ބޮޑެތި މައްސަލަތަކުގައި ފަހުބަސް ބުނެފައިވާ ފަނޑިޔާރުންގެ ގޮތުގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް ބެލިބެލުމުން ހަމަލާދިން މީހާއާ ގުޅޭ އެއްވެސް މައްސަލައެއް ކޯޓުގައި ކުރިޔަށް ގެންގޮސްފައި ނުވާއިރު އެ ހަމަލާ ދިނުމުގައި ބައިވެރިވެފައިވާކަމަށް ބެލެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް އިދާރާތަކުން ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.