އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި ކުރީގެ ސެނެޓަރ ހިލަރީ ކްލިންޓަންއަށް އެޑްރެސްކޮށް ފޮނުވާފައިވާ ޕާރުސަލަކުން ބޮމެއް ފެނިއްޖެއެވެ.
ބޮންތައް ހުރި މި ޕާރުސަލްތައް ފެނިފައިވަނީ އެމެރިކާގެ އޮފިޝަލުންނަށް އަންނަ މެއިލް ފާސްކުރާ ޓެކްނިކަލް ޓީމަކަށެވެ. ބޮން އެކުލެވޭ ދެ ޕާރުސަލްވެސް ވަނީ އެޑްރެސް ކޮށްފައިވާ ސަރަހައްދަށް ފޮނުވުމުގެ ކުރިން ބޮން ހުރިކަން ހޯދައިގަނެވިފައެވެ.
ނިއުޔޯކްގައި ހުންނަ ޓައިމް ވާރނަރ ބިލްޑިންގައި ހުންނަ ސީ.އެން.އެންގެ މައިއިދާރާއަށް ވެސް ޝައްކުކުރެވޭ ޕާރުސަލެއް ފެނިގެން މުޅި އިމާރާތް ވަނީ ހުސްކޮށްފައެވެ. ސީ.އެން.އެންގެ މެއިލްރޫމް އިން ފެނުނު މިޕާރުސަލް އެފް.ބީ.އައިގެ ސްޕެޝަލް ޓީމުން ބެލިއިރު އޭގެތެރޭގައި ލައިވް ބޮމެއް އޮތްކަމަށް މައުލޫމާތު ލިބެއެވެ. އަދި ހުދު ޕައުޑަރެއް އެކުލެވޭ ސިޓީއުރައެއްވެސް އެ ޕާރުސަލް ތެރެއިން ފެނުނުކަމަށް އެމެރިކާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ މަޝަހޫރު ބިލިޔަނަރު ސުރޯސްގެ ގެއަށް ވެސް މީގެ ދެދުވަސް ކުރިން ލިބިފައިވާ ޕާރުސަލެއްވެސް ޝައްކުކުރެވިގެން އެފްބީއައި އިން ބެލިބެލުމުން އޭގައި ބޮމެއް ކަމަށް ބެލެވޭ އެއްޗަކާއި ޕައުޑަރު ހިމެނޭ ސިޓި އުރައެއް ފެނުނުކަމަށް އެމެރިކާގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެ. އަދި ސީއެންއެން އިން ފެނުނު ޕާރުސަލާއި ސުރޯސްގެ ގެއިން ފެނުނު ޕަރުސަލްގައި އެއްގޮތް ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
ނިއުޔޯކްގެ މޭޔަރު ވަނީ މިއީ ޓެރަރިސްޓު ހަމަލާއެއް ދޭން ބަޔަކު ކުރި މަސައްކަތެއް ކަމަށް ވިދާޅުވެ މިކަމުގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރާނެ ކަމަށް ވިދާޅުވެފައެވެ.