121 މީހުންނާއެކު ގެއްލުނު ބޯޓެއް ހަ ދުވަސް ފަހުން ފެނިއްޖެއެވެ.
ފިލިޕީންސްގެ ނޭވީ އިން ހޯދަމުން އަންނަނިކޮށް ބުދަ ދުވަހު އެބޯޓު ފެނިފައިވާއިރު ބޯޓު އޮތީ ފިލިޕީންސާ ދެކުނުން އޮޔާ ދަނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
ދަ ޖޭ ސަޔަންގް ނަމަކަށް ކިޔާ އެ ބޯޓު ދަތުރުކުރަނިކޮށް އިންޖީނު ހުއްޓި އޮޔާ ދާން ފެށިކަމަށާއި ބޯޓުގައި ހުރި މުއާސަލާތީ ވަސީލަތްތައް ވެސް މަސައްކަތް ނުކުރާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ބޯޓު ހޯދަނިކޮށް ފެނިފައިވަނީ ނޭވީގެ ބޯޓަކަށް ކަމަށާއި އެއިން ދަތުރުކުރި 106 ފަސިންޖަރުންނާއި 15 ފަޅުވެރީން ތިބީ ވަރުބަލިވެފައިކަމަށާއި ހާލުގައި ޖެހި ކަނޑުމަތީގައި އެހާ ދުވަސް ވުމުގެ ސަބަބުން، ބޯޓުން ކާބޯތަކެއްޗާއި ފެންވެސް މަދުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ބޯޓުން ދަތުރުކޮށްފައިވާ ހުރިހާ އެންމެންނަކީ ފިލިޕީންސަށް ނިސްބަތްވާ މީޙުން ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ފިލިޕީންސްގެ ދެކުނު ޒަމްބޯނަގާއިން ފުރައިގެން މެލޭޝިއާ ކައިރީގައި އޮންނަ ޓާޓަލް އައިލެންޑަށް ދަތުރުކުރި އެ ބޯޓު ގެއްލުނު މައްސަލަ ތަހުގީގު ކުރުމަށް ވަނީ ނިންމާފައެވެ.