ދުނިޔެ

ލޮސް އެންޖަލެސްގެ އަލިފާންގަނޑު އިތުރަށް ފެތުރެނީ

މުހައްމަދު އައުޒަމް

ލޮސް އެންޖަލެސްގެ އަލިފާންގަނޑު އިތުރަށް ފެތުރެން ފަށާފައިވާކަމަށާއި ކުރިޔަށް އޮތީވެސް އެ ސަރަހައްދަށް ވައިގަދަ ދުވަސްވަރެއް ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެމެރިކާގެ ލޮސް އެންޖަލެސްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު އެކި ސަރަހައްދުތަކުން ރޯވެ ބޮޑު ބައެއް އަނދާފައިވާއިރު އޮފިޝަލުން ވަނީ އަންނަ ބުދަ ދުވަހާ ޖެހެންދެން އެ ސަރަހައްދުގެ ވައި އިތުރަށް ގަދަވާނެ ކަމަށް ބުނެފައެވެ.

އަލިފާންގަނޑު އިތުރަށް ފެތުރި އާންމުންނަށް ނުރައްކާވެދާނެކަމަށް ބެލެވޭ ސަރަހައްދުތަކުން 105،000 މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިންޒާރުވެސް ވަނީ ނެރެފައެވެ.

އޮފިޝަލުން ވަނީ މިހާތަނަށް 16 މީހުން މަރުވެފައިވާކަމަށާއި އިތުރު 16 މީހަކު ގެއްލިގެން ރިޕޯޓު ލިބިފައިވާކަމަށް ބުނެފައެވެ.

ލޮސްއެންޖަލެސްގައި އަލިފާން ރޯވާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން މީހުން ހުސްކުރަމުން އަންނައިރު އެ ސަރަހައްދުތަކުގައި ލޫޓުވުން އިތުރުވުމާއެކު ވަނީ ރޭގަނޑު ކާފިއުވެސް އިއުލާން ކޮށްފައެވެ. މިހާތަނަށް 29 މީހުން އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ލޮސް އެންޖަލެސްގެ އަލިފާން ރޯވެފައިވާ ސަރަަހައްދުތަކުގެ ތެރެއިން ހާސްޓު ސަރަހައްދުގައި ރޯވަމުންދާ އަލިފާން 89 ޕަސެންޓް ނިއްވައިލައިފައިވެއެވެ. އެ ސަރަހައްދުގެ 799 އޭކަރު އަނދާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.