އަމެރިކާގެ، ލޮސް އެންޖެލެސްގައި މިހާރު އަނދަމުންދާ އަލިފާނުގެ ހާދިސާގެ ތެރޭގައި، ހުސްވެފައިވާ ގޭގޭތަކުން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
ލޮސް އެންޖެލެސް ޕޮލިސްގެ ކެޕްޓަން މައިކް ލޮރެންޒް ވިދާޅުވީ ވިއްސަށްވުރެ ގިނަ ވަގުން، އެފަދަ ގޭބީސީތަކުން ހައްޔަރުކުރެވިފައިވާ ކަމަށެވެ.
"ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޔާފައިޓަރުންނަށް ހެދިގެން އުޅުނު ދެ މީހަކު ހިމެނޭ. އަދި މިފަދަ ކުށްތައް ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުން،" އޭނާ ވިދާޅުވިއެވެ.
ފޮކްސް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަދަ ވައްކަންތައް ހުއްޓުވުމުގެ ގޮތުން، ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ، ދިރިއުޅޭ ސަރަހައްދުތަކުގެ ގެތަކަށް ފާރަލުމަށް ބަޔަކު ހަމަޖައްސައިފައެވެ.
އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ، ނެސްޓެކްގެ ފައުންޑަރު ޝޯން ބެން ވިދާޅުވެފައިވާގޮތުން، އޭނާގެ ކުންފުނިން ދަނީ އެފަދަ ސަރަހައްދުތަކަށް 24 ގަޑިއިރުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ލޮސް އެންޖެލެސްގައި އަލިފާން ރޯވަމުންދާތާ މިހާރު ވަނީ ފަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައެވެ. އެ ސިޓީގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެފައިވާ އިރު، ގިނަ އިމާރާތްތަކެއް ވަނީ އަނދައި ހުލިވެފައެވެ.