ދުނިޔެ

ލޮސް އެންޖަލެސް އަލިފާނުގެ ހާދިސާ: ކޯލް ކާޑިޝިއަންގެ ތުހުމަތުތަކެއް މޭޔަރަށް

ލޮސް އެންޖަލެސް ފަޔަރ ޗީފް ކްރިސްޓިން ކްރައުލީ ދެއްވި އިންޓަވިއުއަކަށްފަހު، ލޮސް އެންޖަލެސްގެ މޭޔަރު ކެރެން ބާސް އެ ސިޓީގެ ފަޔަރ ޑިޕާޓްމަންޓުގެ ބަޖެޓުން އެއްބައި އުނިކުރިކަން ހާމަވެގެން ދިއުމާގުޅިގެން ކްލޯއީ ކާޑަޝިއަން އެކަމާ ހިތްހަމަނުޖެހުންފާޅުކޮށްފިއެވެ.

އޭނާ ގަބޫލު ކުރާގޮތުގައި މިހާރު ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އޭނާގެ މިލިއަން ޑޮލަރުގެ އަގުހުރި ގެ ދޫކޮށް ފުރާން މަޖުބޫރުވެފައި ވަނީ މޭޔަރުގެ އެ ނިންމުމުގެ ސަބަބުން ކަމަށެވެ.

އިންސްޓަގްރާމް ސްޓޯރީގައި އޭނާ ވަނީ ފޮކްސް 11 އެލްއޭގެ ބައެއް ހިއްސާކޮށްފައެވެ. އެ ބައިގައި ކްރިސްޓިން ވަނީ މޭޔަރުގެ ބަޖެޓާ ގުޅޭ ނިންމުންތަކުގެ ސަބަބުން ކެލިފޯނިއާގެ އެކި ސަރަހައްދުތަކުގައި އަލިފާން ނިއްވުމުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ގޮތް ބަޔާންކޮށްފައެވެ. އެ ވީޑިއޯގައި، ޗީފް ބުނެފައިވަނީ، "އަހަރެންގެ މެސެޖަކީ ފަޔަރ ޑިޕާޓްމަންޓަށް އެކަށީގެންވާ ފަންޑު ލިބެންޖެހޭނެ ކަމެވެ. އެކަން އެހެނެއް ނުވެއެވެ."

ކްލޯއީ ވަނީ ޗީޕް ދެއްކި ވާހަކަތަކަށް ތާއިދުކުރައްވައި އޭނާއާއެކު ހުންނެވިކަމަށް ވިދާޅުވެފައެވެ. “ތެދުބަހުން ވާހަކަދެއްކެވި ކަމަށްޓަކައި ޝުކުރިއްޔާ @losangelesfiredepartment ޗީފް ކްރައުލީ" ކްލޯއީގެ ޕޯސްޓްގައި ވެއެވެ.

ލޮސް އެންޖަލެސްގައި ރޯވަމުންދާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން މޭޔަރަށް ފާޑުކިޔާފައިވަނީ ހަމައެކަނި ކްލޯއީއެއް ނޫނެވެ. ހޮލީވުޑް ރިޕޯޓްތަކުގައިވާގޮތުން މި އަހަރަށް ލޮސް އެންޖެލްސް ފަޔަރ ޑިޕާޓްމަންޓުގެ ބަޖެޓުން 17.5 މިލިއަން ޑޮލަރު އުނިކުރުމާ ގުޅިގެން ކެރެންއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެކްޓަރު ސާރާ މިޝެލް ގެލަރ އިންސްޓަގްރާމްގައި ލިޔެފައިވާގޮތުގައި، ލޮސް އެންޖަލެސް ސިޓީން ބޭނުންވަނީ އެންމެން ފުރައިގެން ދިއުމަށެވެ. އެކަމަކު މަގުތައް ވަނީ މުޅިން ބަންދުވެފައެވެ. އެހީތެރިވާން މަގުމަތީގައި އެންމެ ޓްރެފިކް ފުލުހަކުވެސް ނެތެވެ.

މީގެ އިތުރުން ސާރާ ފޮސްޓަރ ސޯޝަލް މީޑިއާގައި ލިޔެފައިވާގޮތުގައި ކެލިފޯނިއާއިން އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާއިރު ފަޔަރ ހައިޑްރަންޓްތައް ވަނީ ހުސްވެފައެވެ. ފެން ރައްކާކުރާ ތަންތަން ވަނީ ގަވަރުނަރު ހުސްކޮށްލައިފައެވެ. އޭނާގެ ނޯޓުގައި މޭޔަރު އިސްތިއުފާދިނުމަށްވެސް ގޮވާލާފައިވެއެވެ.