2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފްރެންޑްސްގެ ކޯ ސްޓާ މެތިއު ޕެރީ މަރުވި ޕެސިފިކް ޕެލިސޭޑްސްގެ ގެ، ލޮސް އެންޖަލެސްގެ އަލިފާނުގެ ހާދިސާއިން ސަލާމަތްވެއްޖެ ކަމަށް، އެ ގޯތީގެ އާ ވެރިފަރާތް ކަމުގައިވާ އަނީތާ ވަރމާ-ލިލިއަން، ބުނެފިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި އެހީތެރިވެދިން އަދި އެއްބާރުލުން ދިން ހިތްވަރުގަދަ އަލިފާން ނިއްވާ މީހުންނަށާއި، އަވަށްޓެރީންނަށާއި، މުޅި ޕެލިސޭޑްސް މުޖުތަމައަށް ޝުކުރު އަދާކުރަމުން އޭނާ ވަނީ މި ދަނޑިވަޅުގައި ވަގުތީ ގެއެއް ބޭނުންވާ އެންމެންނަށްވެސް އެހީތެރިވެދޭނެ ކަމަށް ބުނެފައެވެ.
މިހާރުގެ ވެރިފަރާތުން އެ ގޯއްޗާއި ގެ ގަތީ މެތިއުގެ ހިތާމަވެރި ނިމުމަކަށް އައި ކެޓަމައިންގެ އޯވަރޑޯޒްގެ ހާދިސާއަށްފަހު ގާތްގަނޑަކަށް އަހަރެއް ފަހުން، މިދިޔަ އަހަރު އާންމު ބާޒާރުން ބޭރުގައި ހިންގި މުއާމަލާތެއްގައެވެ.
ވަރމާ-ލިލިއަން އެ ގޯތި ގަތްކަމާއި އެތަން ޗުއްޓީ ހޭދަކުރާ ގެއެއްގެ ގޮތުގައި ބޭނުންކުރާނެކަން މިދިޔަ އަހަރު އޮކްޓޯބަރުގައި އިންސްޓަގްރާމް ޕޯސްޓެއްގައި އިއުލާނު ކުރިއެވެ. އޭނާގެ އަޕްޑޭޓްގައި، އެ ގޭގެ އާ ވެރިފަރާތުގެ ހައިސިއްޔަތުން މެތިއުގެ އުފާވެރިކަން ފާހަގަކުރާނެ ކަމަށްވެސް ވައުދުވިއެވެ.
ހޮލީވުޑް ރިޕޯޓުތަކުގައިވާ ގޮތުން، މެތިއު އެ 3,500 އަކަފޫޓުގެ ގޯތި ގަތީ 2020 ވަނަ އަހަރުއެވެ. ކުރިން ޕީޕަލް މަޖައްލާއަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ އެ ފަންނާނު އެ ގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އޭނާ މަރުވުމުގެ ކުރިން އެތަނުގައި ވަރަށް އުފަލުން ދިރިއުޅުނު ކަމަށެވެ. މެތިއު އޭނާގެ ގެއަށް ކިޔާފައިވަނީ "ހެވަން" ކަމަށް އެ މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.