ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލް އެމެރިކާއަށް ކުރެއްވި ދަތުރު ނިންމަވައިލެވުމަށްފަހު މިއަދު ރާއްޖެވަޑައިގެންފިއެވެ.
"ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ގައި ބައިވެރިވެވަޑައިގެންނެވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު އެމެރިކާއަށް ވަޑައިގެންނެވީ މި މަހުގެ 19 ވަނަދުވަހުއެވެ. އިންޑިއަން ޕެސިފިކް އޯޝަންގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބޭއްވި "ލެންޕެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019" ކުރިއަށް ގެންގޮސްފައިވަނީ، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ހަވާއީގައެވެ.
ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލް ގެ މިދަތުރުގައި އޭނާވަނީ، ޔޫއެސް އާރމީ ޕެސިފިކް ކޮމާންޑަރ ޖެނެރަލް ރޮބާޓް ބީ ބޮރައުންއާ ބައްދަލުކުރައްވައި، ދެއަސްކަރިއްޔާގެ ދެމެދުގައި ގުޅުންބަދަހި ކުރުމުގެ އާ ގޮތްތަކާ ބެހޭ ގޮތުންނާއި އެމްއެންޑީއެފްއަށް، ޔޫއެސްގައި ހުރި އާ ފުރުސަތުތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.