ދުނިޔެ

ޗައިނާގައި އަނެއްކާވެސް ނުރައްކާތެރި ބަލިމަޑުކަމެއް، ގައުމުތަކުން ރައްކާތެރި ފިޔަވަޅުތައް އަޅަން ފަށައިފި

މުހައްމަދު އައުޒަމް

ޗައިނާގައި އަނެއްކާވެސް ނުރައްކާތެރި ބަލިމަޑުކަމެއް، ފެތުރެން ފެށުމުން ގައުމުތަކުން ރައްކާތެރި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑަށް ފަސް އަހަރު ވީފަހުން ޗައިނާގައި މިވަނީ އަނެއްކާވެސް ވައިރަސްއެއް ފެތުރި، ބަލިމަޑުކަމެއް ފެތުރެން ފަށައިފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހިއުމަން މެޓާނިއުމޯވައިރަސް ''އެޗްއެމްޕީވީ''ގެ ގިނަ ކޭސްތަކެއް ޗައިނާއިން ފެންނަން ފަށާފައިވާ އިރު، އެ ގައުމުގައި ދަނީ އެ ވައިރަސް ފެތުރެމުންނެވެ.

ޗައިނާގެ ސިއްހީ އޮފިޝަލުން ފާހަގަކުރާ ގޮތުގައި އެޗްއެމްޕީވީގެ ގިނަ ކޭސްތައް ފެނިފައިވަނީ ކުޑަކުދިންގެ ފަރާތުންނެވެ. އޭގެތެރެއިން ގިނައީ އުމުރުުން 14 އަހަރުން ދަށުގެ ކުދިންނެވެ.

އެޗްއެމްޕީވީގެ ނުރައްކާ ބޮޑުވުމުން ގައުމުތަކުން އެކަމަށް ވަނީ ތައްޔާރުވާން ފަށައިފައެވެ. ޗައިނާއިން އަވައްޓެރި ގައުމުތަކަށް ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ އިރު، ޔޫރަޕްގެ ގައުމުތަކުން ވެސް އެކަމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިއާ އިންވެސް މައުލޫމާތު އެއްކުރުމުގެ އިތުރުން އިދާރާތަކުން އެ ބައްޔާ މެދު ހޭލުންތެރިވެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާއިން ވެސް ވަނީ އެޗްއެމްޕީވީގެ ނުރައްކާ އޮތްކަމަށް ފާހަގަކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ތައްޔާރުވާން ފަށައިފައެވެ. އަދި ލަންކާގެ ސިއްހީ ފަރާތްތަކުން އެލާޓަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނާގޮތުގައި އެޗްއެމްޕީވީ ޖެހުމުން ނޭވާލާ ނިޒާމުގެ މައްސަލަތަކުގެ އިތުރުން ރޯގާ ޖެހުމާއި ހުންއައުމުގެ އިތުރުން ހާއްސަ ކެޓަގަރީގެ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާނެއެވެ.