މުހައްމަދު އައުޒަމް
ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމުގެ އަމުރެއް އެގައުމުގެ ކޯޓުން ނެރެފިއެވެ.
އިއްޔެ ނެރުނު އެ އަމުރުގައި އެ ގައުމުގެ ރައީސް ޔޫން ސުކް ޔެއޮލް ހައްޔަރު ކުރުމަށް އަމުރުކޮށްފައިވާއިރު މިއީ އެގައުމުގެ ރައީސެއް ވެރިކަމުގައި ހުއްޓާ ހައްޔަރު ކުރުމަށް އަމުރެއް ނެރެފައިވާ ފުރަތަމަ ފަހަރެވެ.
ދެކުނު ކޮރެއާގެ ހިންގުމުގެ ނިޒާމު ބަދަލުކޮށް މިލިޓަރީ ވެރިކަމަކަށް ފުރޮޅައިލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާއެކު ރައީސް ޔޫން އަށް ވަނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެގޮތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅުން ވަނީ ރައީސް މަގާމުން ދުރުކުރުމަށް ދެފަހަރެއްގެ މަތީން މަސައްކަތް ކޮށް އެކަން ކާމިޔާބު ކޮށްފައެވެ.
ދެކުނު ކޮރެއާގެ އެންޓި ކޮރޮޕްޝަން ކޯޕަރޭޝަން އެޖެންސީން ވަނީ އެ ގައުމުގެ ވެރިރަށުގައި ހުންނަ ސޯލް ވެސްޓާން ޑިސްޓްރިކްޓް ކޯޓުން އަމުރު ނެރެފައިވާކަމަށާއި އެ އަމުރުގައި ވާގޮތުން މަގާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ފާހަގަކޮށްފައެވެ.
ރައީސް ޔޫންގެ ފަރާތްޕުޅުން އޭނާގެ ލޯޔަރު ވަނީ ކޯޓުން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރަކީ ގާނޫނާ ހިލާފު ބާތިލު އަމުރެއް ކަމުގައި ވިދާޅުވެފައެވެ.
ކޮރެއާގެ ގާނޫނުގައި އޮންނަ ގޮތުން ހައްޔަރުކުރުމުގެ އަމުރު ނެރޭތާ ހަތް ދުވަސް ތެރޭ އަމުރު ތަންފީޒު ކުރަން ޖެހޭނެއެވެ. އަދި އަމުރުގެ މުއްދަތު އިތުރުކުރުމުގެ ބާރުވެސް ކޯޓުތަކަށް ދީފައިވެއެވެ.