ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ސިވިލްސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހަމަސްދުވަހުގެ ޗުއްޓީ ހަމަޖައްސައި، އެ މުއްދަތުގައި އިދާރާތަކަށް ބޭނުންވާ މީހުންކޮށް ހޮވުމާއި އައްޔަން ކުރުމުގެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
މި އުސޫލަށް އަމަލުކުރަންފަށާފައިވަނީ އިއްޔެއެވެ. މިކަން އާންމުކޮށްފައިވަނީ، ބަލިއިނުމާއި ވިހެއުމާ ގުޅިގެން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ މުއްދަތުގައި އިދާރާތަކުން ފޯރުކޮށްދެވޭ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އުސޫލާ ބެހޭގޮތުން ސިވިލްސާވިސް ކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގައެވެ.
ސިވިލްސާވިސް ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރެވޭ ތާރީހު އިދާރާއަށް ލިޔުމަކުން ހުށައެޅުމުން އެމުވައްޒަފުގެ ވިހެއުމުގެ ޗުއްޓީގައި ހުންނައިރު އޭނާގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރާވައި، އެމުވައްޒަފުގެ މަސައްކަތްކުރުމަށް އިތުރު މުވައްޒަފަކު ބޭނުންވާނަމަ އެކަން އެ އިދާރާއަކުން ހަމަޖައްސަންވާނެ އެވެ.
ސިވިލްސާވިސް ކޮމިޝަނުން ބުނެފައިވަނީ އެގޮތަށް ވަގުތީ މުވައްޒަފު ގެންގުޅެވޭނީ މުވައްޒަފު ވިހާ ތާރީހުން ފެށިގެން ދަރިފުޅަށް ހަމަސްދުވަސް ވުމާ ހަމަޔަށް ކަމަށެވެ. އިތުރު މުވައްޒަފަކު ހަމަޖައްސާނީ "ވޭޖް އެމްޕްލޯއިމަންޓް" ގެ ގޮތުގައި ކަމަށާއި، ނަމަވެސް ވަޒީފާއަށް އައްޔަން ކުރާ ފަރާތްތަކަށް އެ މަގާމަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ލިބިދެވޭކަމަށް ސިވިލް ސާވިސްކޮމިޝަނުން ބުނެއެވެ. އަދި ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ޗުއްޓީ ދެވޭ ކޮންމެ މުވައްޒަފެއްގެ ބަދަލުގައި ވެސް މުވައްޒަފަކު އައްޔަންކުރެވޭނީ އިއުލާންކޮށްގެން ކަމަށްވެސް ސިވިލްސާވިސް ކޮމިޝަނުން ބުނެއެވެ.