އިތިއޯޕިއާގައި ހިނގި އެކްސިޑެންޓެއްގައި 71 މީހަކު މަރުވެއްޖެއެވެ.
އިތިއޯޕިއާގެ އޮފިޝަލުން ބުނެފައިވާގޮތުގައި 71 މީހުން މަރުވި ހާދިސާ ހިނގާފައިވަނީ އެގައުމުގެ ދެކުނުގެ ސަރަހައްދުގައި އޮންނަ ސިޑާމާ ސްޓޭޓްގައި ދުއްވާފައި ދިޔަ ޓްރަކެއް ކޯރަކަށް ވެއްޓިގެންނެވެ.
މިދިޔަ އާދިއްތަ ދުވަހު ހިނގި އެ ހާދިސާގައި މަރުވެފައިވާ 71 މީހުންގެ ތެރޭގައި 68 ފިރިހެނުންގެ އިތުރުން ތިން އަންހެނުން ހިމެނެއެވެ. އަދި އަނިޔާވެގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ބުނެއެވެ.
މީހުން ފުރާ ބަރުކޮށްގެން ދަތުރުކުރި އެ ޓްރަކް ކޯރަށް ވެއްޓިފައިވާ އިރު، ޓްރަކްގެ ބޮޑުބައެއް ކޯރުގެ އަޑީގައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކުރަން ފަށާފައިވާ އިރު، އިތިއޯޕިއާގެ އޮފިޝަލުން ބުނެފައިވާގޮތުގައި ޓްރަކް ދުއްވަމުން ދިޔަ ބުރިޖުގެ އެއް ފަރާތު ފެންސުގައި ޖެހި ވަނީ ކޯރަށް ވެއްޓިފައެވެ. އަދި އެ ހާދިސާ ހިނގުމަށް މަގުފަހިވެފައިވަނީ މީހުން ގިނަވެ، ޓްރަކްގެ ކޮންޓްރޯލު ގެއްލުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.