ދުނިޔެ

ރަޝިޔާއާއި ޔޫކްރޭނުން ގައިދީންތަކެއް ބަދަލުކޮށްފި

މުހައްމަދު އައުޒަމް

ރަޝިޔާ އާއި ޔޫކްރޭނުން ގައިދީންތަކެއް ބަދަލުކޮށްފިއެވެ.

ރިޕޯޓުތައް ބުނެފައިވަނީ، ރަޝިޔާއާއި ޔޫކްރޭނުން ހަނގުރާމަ ދުވަސްވަރު ދެ ގައުމުގެ ޖަލަށް ލާފައިވާ ގައިދީންގެ ތެރެއިން ގިނަ އަދަދެއްގެ ގައިދީން ބަދަލުކޮށްފައިވާ ކަމަށާއި އެކަމުގައި މެދުވެރިޔަކަށް ވެފައިވަނީ އެކުވެރި އަރަބި އިމާރާތުން ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ އެގައުމުގެ ޖަލުތަކުގައި ތިބި ޔޫކްރޭނުގެ ގައިދީންގެ ތެރެއިން 150 މީހުން ދޫކޮށްލާފައިވާ ކަމަށާއި އޭގެ ބަދަލުގައި ޔޫކްރޭނުގެ ޖަލުތަކުގައި ތިބި އެގައުމުގެ 150 ސިފައިން އެނބުރި ގައުމަށް އައިސްފައިވާ ކަމަށް ބުނެފައެވެ.

ޔޫކްރޭނުގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ރަޝިޔާއިން ދޫކޮށްފައިވާ 189 މީހުން އެނބުރި އެގައުމަށް އެތެރެވެފައިވާކަން ފާހަގަކުރައްވައިފައެވެ.

ރަޝިޔާއިން ދޫކުރި ޔޫކްރޭނުގެ ގައިދީން އެނބުރި ޔޫކްރޭނަށް އައުމާއެކު އާއިލާތަކުން އެމީހުންނަށް މަރުހަބާ ކިޔަން އެއްވެފައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާއިން ބުނެފައިވަނީ އެގައުމުގެ ސިފައިން ގައުމަށް އެނބުރި އައުމުން އެމީހުން ބެލަރޫސްގައި ހުންނަ އެ ގައުމުގެ ހޮސްޕިޓަލެއްގައި ތިބި ކަމަށާއި ސިއްހީ އެހީތެރިކަމާއި އާއިލާތަކާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ.