މުހައްމަދު އައުޒަމް
އަޒަރްބައިޖާންގެ ފްލައިޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން މައާފަށް އެދިވަޑައިގެންފިއެވެެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު 69 މީހުންނާއެކު ދަތުރުކުރި އަޒަރުބައިޖާންގެ އެ ފްލައިޓު ވެއްޓިފައިވަނީ އިމަޖެންސީއެއް މެދުވެރިވެ ކަޒަކިސްތާނުގެ އަކްޓައު ސިޓީއަށް ޖައްސަން މަސައްކަތް ކުރަނިކޮށެވެ.
ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގުން މިހާތަނަށް ހާމަވެފައިވާގޮތުގައި ފްލައިޓު އިމަޖެންސީގައި ޖައްސަން ދިޔަ ވަގުތު ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ދިން ހަމަލާއެއް އެ ފްލައިޓަށް ހަމަލާ އަރާފައިވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މައާފަށް އެދިވަޑައިގެންނެވި ނަމަވެސް ރަޝިޔާއިން އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ޕޫޓިން ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެ ހާދިސާ ހިނގާފައިވަނީ ޔޫކްރޭނުގެ ޑްރޯންތައް ހުއްޓުވުމަށް ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު ހަރަކާތްތެރިވަނިކޮށް ކަމަށް ޕޫޓިން ފާހަގަކުރައްވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.