އެމެރިކާގެ ގައުމީ ދޫންޏަކީ ބާޒު ކަމުގައި ކަނޑައަޅައިފިއެވެ.
ބާޒަކީ އެމެރިކާގެ ރަސްމީ ދޫނިކަމުގައި ހަމަޖެހިގެން މި ދިޔައީ، އެ ކަމަށް މަޖިލީހުން ގާނޫނެއް ފާސްކޮށް، ރައީސް ޖޯ ބައިޑަން އެ ގާނޫނު ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ.
ބާޒަކީ އެމެރިކާގެ ގައުމީ ދޫނި ކަމުގައި މިހާ ފަހުން ކަނޑައެޅި ނަމަވެސް، 1782 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ދައުލަތުގެ ސިއްކައިގައިވެސް ބާޒު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ނޫނަސް ދައުލަތުގެ ރަސްމީ ވަރަށް ގިނަ ލިޔެކިޔުންތަކުގައި ބާޒު ބޭނުންކުރަމުން އައިސްފައިވެ އެވެ. އެހެން ކަމުން މިހާތަނަށް ވެސް އެމެރިކާގެ ރަސްމީ ދޫންޏަކީ، ބާޒު ކަމުގައި ރައްޔިތުން ވަނީ ބަލައިގަނެފައެވެ. އެ މީހުނަށް އެނގިފައި އޮންނަނީވެސް އެއީ ރަސްމީ ދޫނީގެ ގޮތުގައެވެ.
އެމެރިކާގެ ރަސްމީ ލިޔުންތަކުގައި ސިއްކައިގެ ގޮތުގައި ބާޒު ބޭނުންކުރި ނަމަވެސް އެއީ ގައުމީ ދޫނި ކަމުގައި ކަނޑައެޅުމަށް 250 އަހަރުފަހުން އެގައުމުގެ ކޮންގްރެސް އަށް ބިލެއް ހުށަހަޅައި އެކަން ވަނީ ފާސްކޮށް ތަސްދީގު ކުރައްވައިފައެވެ.
އެމެރިކާގެ ގައުމީ ދޫނީގެ ގޮތުގައި ކަނޑައަޅާފައިވަނީ ބާޒުގެ ބާވަތެއް ކަމަށްވާ ބޯލްޑް އީގަލް އެވެ. މިއީ ކަރުންފެށިގެން މަތީގައި ހުދު ފަތް، ފަޔާއި ތުނބުގައި ރީނދޫކުލަ ހުންނަ ބާޒެކެވެ.
އެމެރިކާގައި ހިމާޔަތްކޮށްފައިވާ ދޫނި ތަކުގެ ލިސްޓުގައި ވެސް ބޯލްޑް އީގަލް ހިމެނެއެވެ. އެހެން ކަމުން އެ ބާވަތުގެ ބާޒު ހިފުމާއި ވިއްކުމުގެ އިތުރުން ގެންގުޅުމަކީ ވެސް މަނާކަމެކެވެ.