ދުނިޔެ

އިންޖީނު ރޫމު ގޮވައި ރަޝިޔާގެ ކާގޯ ބޯޓެއް އަޑިޔަށް ހިނގައްޖެ

މުހައްމަދު އައުޒަމް

އިންޖީނު ރޫމް ގޮވައި ރަޝިޔާގެ ކާގޯ ބޯޓެއް އަޑިޔަށް ހިނގައްޖެއެވެ.

މެޑިޓްރޭނިއަމް ކަނޑުން ދަތުރުކުރި ރަޝިޔާގެ ބޯޓުގެ އިންޖީނު ރޫމް ގޮވައި ހިނގި ހާދިސާގައި ބޯޓު އަޑިޔަށް ގޮސްފައިވާއިރު އެއިން ދަތުރުކުރި ދެމީހަކު ގެއްލިފައިވާކަމަށް ރަޝިޔާގެ އޮފިޝަލުން ބުނެއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އުރްސާ މޭޖާ ނަމަކަށް ކިޔާ އެ ބޯޓު ހޯމަ ދުވަހުގެ ރޭ އަޑިއަށް ގޮސްފައިވަނީ މެޑިޓްރޭނިއަމް ކަނޑުގެ ސްޕެއިނާ ދެކުނުން ދަތުރުކުރަނިކޮށެވެ.

ބޯޓުން ދަތުރުކުރި 14 މީހުންގެ ތެރެއިން 12 މީހުން ސްޕެއިންގެ ބަނދަރަކަށް ގެންގޮސްފައިވާކަމަށާއި ދެމީހަކު އަދިވެސް ނުފެންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ އެބޯޓަކީ ރަޝިޔާއަށް ނިސްބަތްވާ ބޯޓެއް ކަމަށާއި އާންމު ގޮތެއްގައި އެ ބޯޓުން އުފުލަނީ ރަޝިޔާގެ މިލިޓަރީ ކާގޯ ކަމަށް ފާހަގަކޮށްފައެވެ. އޮފިޝަލުން ވަނީ ހާދިސާ ހިނގި ގޮތް ބެލުމަށް ތަހުގީގު ފަށާފައިވާކަމަށްވެސް ފާހަގަކޮށްފައެވެ.