މުހައްމަދު އައުޒަމް
އިންޑިއާގެ ނޭވީ އުޅަނދަކާއި ފެރީއެއް ޖެހި ހިނގި ހާދިސާއެއްގައި 13 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ މުމްބާއީގެ އައްސޭރިފަށުގައި ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ފަސިންޖަރުން ދަތުރުކުރި ފެރީއެއްގައި ނޭވީގެ ސްޕީޑް ބޯޓެއް ޖެހި 13 މީހަކު މަރުވެފައިވާއިރު ދެމީހަކު ގެއްލިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މަރުވި މީހުންގެ ތެރޭގައި ނޭވީގެ މީހަކު ހިމެނޭއިރު 100 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް އެއްގަމަށް ގެންގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އެވީޑިއޯއިން ވަނީ ހާދިސާ ހިނގުމުގެ ކުރިން ނޭވީގެ އުޅަނދު އެ ފެރީ ވަށައިގެން ދަތުރުކުރާ މަންޒަރު ފެނިފައެވެ. އަދި އެއަށްފަހު އެ ފެރީއާ މުޑިއަރައި ފެރީ އަޑިއަށް ދެއެވެ.
އިންޑިއާގެ ނޭވީގެ އޮފިޝަލަކު ވަނީ އެހާދިސާ ހިނގަން މެދުވެރިވެފައިވަނީ ނޭވީގެ އުޅަނދުގެ އިންޖީނު މައްސަލަ ޖެހުމުގެ ސަބަބުން ކަމަށާއި އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.
ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.