އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި އަނެއްކާވެސް ނުރައްކާ މިންވަރަކަށް ނުސާފުވެއްޖެއެވެ.
ދިއްލީގެ ވައި މަތީ ދަރަޖައަކަށް ނުސާފު ވެފައިވާއިރު، ގުޅުން ހުރި ދާއިރާތަކުން ބުނާ ގޮތުގައި، މިއީ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކުރާން ޖެހޭ ފަދަ ހާލަތެކެވެ.
ދިއްލީގެ ވައި ނުސާފުވެފައިވާ މިންވަރަށް ބަލާއިރު މިހާރު ވަނީ ކޮވިޑުގެ ހާލަތަށްވުރެވެސް ސިއްހީ ގޮތުން ނުރައްކާވެފައިކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.
އިއްޔެ ދިއްލީގެ ވައި ނުސާފުވެފައިވާ މިންވަރު ހުރީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވާ ނުރައްކަލުގެ މިންގަނޑަށްވުރެވެސް 35 ގުނަ މަތިވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ދިއްލީގެ އާންމުންނަށް ނުރައްކާވެފައިވާއިރު އެސިޓީގެ އާންމުންނަށް ނޭވާލާ ނިޒާމުގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށާއި ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހިފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ދިއްލީގެ ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންގެ ތެރެއިން، ހާއްސަކޮށް ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ ބަލިތަކުގެ މީހުން ބޭރަށް ނިކުމެ އުޅުން ރައްކާތެރި ނޫން ކަމަށާއިި ބޭރަށް ނިކުންނަން ޖެހިއްޖެ ނަމަވެސް މާސްކު އެޅުމަށް އަންގައިފައެވެ.