ސްޕެއިން ފުޓުބޯޅަ އިދާރާގެ ހާލަތު ގޯހުން ގޯހަށް ދިޔަތާ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން، ފުޓުބޯޅަ އިދާރާ (އާރްއެފްއީއެފް) ގެ ރައީސަކަށް ރަފޭލް ލޫޒަން އިންތިހާބުކޮށްފިއެވެ.
ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ހާލަތު ގޯސްވެ، އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އާރުއެފްއީއެފްގެ ކަންކަން ބަލަހައްޓައި، ފުޓްބޯޅަ ކޮންޓްރޯލް ކުރަން ސްޕެއިން ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލީ މޭ މަހުގެ ތެރޭގައެވެ. އެ ކޮމިޓީގެ އިސް ވެރިޔަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭއެވެ.
ސްޕެއިން ސަރުކާރުން ފުޓުބޯޅައަށް ހާއްސަ ކޮމިޓީއެއް ނަގާފައިވަނީ ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ކޮރަޕްޝަންގެ މައްސަލަ ބޮޑުވެ، އިދާރާ ގޯސްތައް ރަނގަޅުކޮށް އިންތިހާބެއް ބާއްވަންދެނެވެ. ސްޕެއިން ފުޓުބޯޅަ އިދާރާގެ ރައީސް ލުއިސް ރުބިއަލެސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން މިހާރު ހުރީ ހައްޔަރުކޮށްފައެވެ.
އޭގެ އިތުރުން ރުބެލިއަސްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް ދަނީ އިދާރާތަކުން ބަލަމުންނެވެ. އެއީ މިދިޔަ ހޫނު މޫސުމުގެ އަންހެން ވޯލްޑް ކަޕް ފައިނަލަށްފަހު، ސްޕެއިންގެ ޖެނީ ހާމޯސޯއަށް ބޮސްދިން މައްސަލައެއްގައެވެ.
އެ ހާލަތުގައި އެ އިދާރާ އޮވެ ގިނަ ދުވަސްތަކެއްވެފައިވާ އިރު، އާ އިންތިހާބު ބޭއްވީ ހޯމަ ދުވަހުއެވެ. އެ އިންތިހާބުގައި ގަލީސިއާ ރީޖަނަލް އެފްއޭގެ ލޫޒަން އިންތިހާބު ކާމިޔާބު ކުރެއްވީ 90 ވޯޓުންނެވެ. އޭނާއާ ދެން ވާދަކުރެއްވި ވެލެންސިއާ އެފްއޭގެ ޗީފް ސަލްވަޑޯ ގޮމާރަށް ލިބުނީ 43 ވޯޓެވެ. ފެޑެރޭޝަންގެ ރައީސް ކަމަށް އެންޓްރެމަޑޫރާ އެފްއޭގެ ހެޑް، ސާޖިއޯ މާޗަންވެސް ފުރަތަމަ ވާދަކުރެއްވި ނަމަވެސް، އޭނާ ވަނީ ފަހުން ނަން ނަގައިފައެވެ.
އުމުރުން 57 އަހަރުގެ ލޫޒަންއަކީވެސް މީގެ ކުރިން ބައެއް މައްސަލަތަކުގެ ތުހުމަތު އޮތް ފަރާތެކެވެ. އެގޮތުން މޮރާނާގެ ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއްގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހިންގިކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށް ހަތް އަހަރު ވަންދެން ވަގުތީ ސަސްޕެންޝަނެއްގައި އޭނާ ހުއްޓެވެ. އެހެން ނަމަވެސް ފަހުން މައްސަލަ ނިމުނީ ލޫޒަން ކޮޅަށެވެ.
އޭގެފަހުން ލޫޒަން ފުޓުބޯޅައިގައި އަލުން މަސައްކަތްކޮށް، ފެޑަރޭޝަންގެ ރައީސް ކަމަށް ނުކުންނަން ލަލީގާގެ ރައީސް ހާވިއޭ ތޭބާސް ފަދަ ބޭފުޅުންނާ ގުޅުން ބަދަހިކޮށްފައިވެއެވެ.
ލޫޒަން ރައީސް ކަމަށް ހޮވުމާއެކު އެންމެ ފުރަތަމަ އުފާފާޅުކުރެއްވީވެސް ތޭބާސްއާއެކުގައެވެ.