އަޔަލެންޑުގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކޮށްފިއެވެ.
އަޔަލެންޑުގެ ޑަބްލިން ގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކޮށްފައިވަނީ އަޔަލެންޑުގެ ސަރުކާރުން އިސްރާއީލާ ދެކޮޅަށް ނެރެފައިވާ ގަވާއިދުތަކުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުގެ އެމްބަސީ ބަންދުކުރުމަށް ނިންމާފައި ވަނީ އަޔަލެންޑުން ކޮންމެ ފަހަރަކު ރަތް ރޮނގު ފަހަނައަޅައި ދާތީކަމަށް ވިދާޅުވެ، އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑެއޮން ސާރް ވަނީ ބަޔާނެއް ނެރުއްވައިފައެވެ.
އެ ބަޔާނުގައި ވާގޮތުން އަޔަލެންޑުން ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފާހަގަކުރައްވައިފައެވެ.
ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލާ ދެކޮޅަށް އުފުލައިފައިވާ މައްސަލައިގައިވެސް އަޔަލެންޑުން ވަނީ ތާއީދުކޮށްފައެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރުގެ ބަޔާނުގައި އެކަމަށްވެސް ނުރުހުން ފާޅުކުރައްވައިފައިވެއެވެ.