ދުނިޔެ

ތައުލީމީ ފެންވަރާ މެދު ސުވާލު އުފެއްދުމުން ލަންކާގެ މަޖިލިސް ރައީސް، މަގާމުން އިސްތިއުފާދެއްވައިފި

1

ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދައި، ފާޑުކިޔުން އަމާޒުވުމުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަސޯކާ ރަންވާލާ، މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި އަސޯކާ ވަނީ ޕީއެޗްޑީ ހާސިލުކުރައްވައިފައެވެ. ނަމަވެސް ތައުލީމީ ފެންވަރާ ގުޅޭގޮތުން އަސޯކާ ދޮގު މައުލޫމާތުދެއްވާފައިވާ ކަމަށްބުނެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ލަންކާގެ މަޖިލިސް ވެބްސައިޓުން ވަނީ "ޑޮކްޓަރޭޓް"ގެ ލަގަބު އުނިކޮށްފައެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި އަސޯކާ ވިދާޅުވީ ތައުލީމީ ފެންވަރާ މެދު ދޮގު މައުލޫމާތުދެއްވާފައި ނުވާނެ ކަމަށާއި ނަމަވެސް މިވަގުތު ލިޔެކިޔުންތައް ނެތުމުގެ ސަބަބުން އެކަން ސާބިތުކުރެވެން ނެތް ކަމަށެވެ.

""އަޅުގަނޑު ގަސްތުކުރަނީ މަތީ ތައުލީމު ހާސިލުކުރި ޖަޕާނުގެ ވަސެޑާ ޔުނިވާސިޓީއާ ގުޅިފައިވާ ރިސާޗް އިންސްޓިޓިއުޓުތަކުން ފޯރުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރުގެ ހާލަތާ ގުޅިގެން މަގާމުން އިސްތިއުފާދެއްވާ ކަމަށާއި ސަރުކާރަށް އޮތް އިތުބާރާއެކު، އާންމުންނަށް ނުތަނަވަސްކަން ގެނައުމަށް ބޭނުން ނުވާ ކަމަށް އަސޯކާ ވިދާޅުވިއެވެ.

އަސޯކާ ވަނީ ލަންކާގެ ވެރިކަން ކުރާ ޕާޓީ، ޖަނާތާ ވިމުކްތީ ޕެރަމޫނާ (ޖޭވީޕީ)ގެ ފަރާތުން މިއަހަރުގެ އިންތިހާބުގައި ވާދަކުރައްވައި، އެއް ލައްކައަށްވުރެ ގިނަ މީހުންގެ ވޯޓާއެކު ގަމްޕަހާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންފައެވެ. މިދިޔަ މަހުގެ 21 ގައި މަޖިލިސް ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަސޯކާ އިސްތިއުފާދެއްވާފައި މިވަނީ، އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވިތާ މަހެއް ވެސް ނުވަނީހެވެ. އޭނާ މަޖިލިސް ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވި ނަމަވެސް، މަޖިލިސް މެންބަރުކަމުން އިސްތިއުފާދެއްވައިފައެއް ނުވެއެވެ.

އަސޯކާ ވަނީ މީގެ ކުރިން 2020 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް ގަމްޕަހާގެ ގޮނޑިއަށް ވާދަކުރައްވައިފައެވެ. ނަމަވެސް 5150 ވޯޓާއެކު އޭނާއަށް ވަނީ އެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟