ބައްޝާރުލް އަސަދު މިހާރު ކޮބައި ހެއްޔެވެ. މިއީ މުޅި ދުނިޔޭގައި އެންމެ ގިނަބަޔަކު ކުރަމުންދިޔަ ސުވާލެވެ. އެކިމީހުން ދައްކަމުން ދިޔައީ އެކިވާހަކައެވެ. ބައްޝާރު އަދިވެސް ހުންނެވީ ދިމިޝްގުގައި ކަމަށް އެއްބަޔަކު ބުނިއިރު އޭނާ އީރާނަށް ވަޑައިގެންފިކަމަށް ބުނާ މީހުންވެސް ތިއްބެވެ. ރަޝިޔާއަށް ވަޑައިގެންފިޔޭ ބުނާ ބަޔަކާއި އޭނާ ދަތުރު ކުރެއްވި މަތިންދާބޯޓު ސީރިޔާގެ އިރުމަތީ ބިތުގެ މަތިން ވައްޓާލައިފި ކަމަށް ބުނާ ބަޔަކުވެސް ތިއްބެވެ. ކޮންމެއަކަސް ވާނުވާގައި އެއްދުވަސް ފާއިތުވެގެން ދިއުމަށްފަހު ބައްޝާރުލް އަސަދު ހުންނެވި ތަނަކާމެދު ގަބޫލުކުރެވޭ ޒާތުގެ ވާހަކަތަކެއް ވަނީ ތިލަވެފައެވެ. ރަޝިޔާގެ ނޫސްތަކުންނެވެ. ރަޝިޔާގެ ރިޔާސީ ކިއްލާ ކްރެމްލިންގެ ރަސްމީ ބައެއް ފަރާތްތްކާ ހަވާލާދީ ރަޝިޔާގެ ނޫސްތަކުން ބުނަނީ ރައީސް ބައްޝާރާއި އޭނާގެ އާއިލާއަށް ރަޝިޔާއިން ސިޔާސީ ހިމާޔަތް ދީފައިވާ ކަމަށެވެ. ބައްޝާރުގެ އާއިލާއޭ އެބުނަނީ ކިތައް މީހުން ކަމެއް އަދި ނޭގެއެވެ. ކޮންބައެއް ކަމެއްވެސް ނޭގެއެވެ.
ރަޝިޔާއިން ބައްޝާރާއި އާއިލާއަށް ހިމާޔަތް ދިނީތަ؟
ރައީސް ބައްޝާރުގެ އާއިލާއަކީ ބޮޑު އާއިލާއެކެވެ. އެއްބަނޑު މީހުންނާއި ބޮޑުބޭބެއިންނާއި އެމީހުންގެ ދަރީންވެސް ހިމަނައިގެންނެވެ. އެއިން ކޮންމެ މީހަކީ ސަރުކާރުގައި ނުވަތަ އަސްކަރިއްޔާގައި އިސް ދައުރެެއް އަދާކުރި މީހެކެވެ. ކޮންމެއަކަސް ރައީސް ބައްޝާރާއި އޭނާގެ އާއިލާއަށް ރަޝިޔާއިން ސިޔާސީ ހިމާޔަތް ދީފިއޭ އެގައުމުގެ ރަސްމީ ނޫސްތަކުން ބުނެފިއެވެ. އެބޭފުޅުން ތިއްބެވީ މޮސްކޯގައޭވެސް ބުނެފިއެވެ. އެކަމަކު ވަޑައިގެންނެވި އިރެއް ނުބުނެއެވެ. ކިތައް މީހުންކަމެއް ނުބުނެއެވެ. ހަމައެކަނި ބުނެފައިވާ ވާހަކައަކީ މިއީ އިންސާނިއްޔަތު ކަމުގެ ގޮތުން ދީފައިވާ ހިމާޔަތެއް ކަމުގައެވެ. އެވެސް ނޫސްތަކުން ބުނާ ވާހަކައެކެވެ. ރަޝިޔާގެ ރަސްމީ ހައިސިއްޔަތު ލިބިފައިވާ އެއްވެސް ބޭފުޅަކު ފާޅުގައި ރައީސް ބައްޝާރާއި އާއިލާގެ ބޭފުޅުން ރަޝިޔާއަށް ވަޑައިގެން ތިއްބެވި ވާހަކަ ވިދާޅެއް ނުވެއެވެ. ހިމާޔަތް ދިންވާހަކައެއްވެސް ވިދާޅެއް ނުވެއެވެ. އެހެން ވިދާޅުނުވިޔަސް ނޫސްތަކުން މިހާރު އެކިޔަނީ ސައްހަ ވާހަކައެއް ކަމަށް ގަބޫލު ކުރެވެއެވެ. ބައްޝާރާއި އާއިލާގެ މެންބަރުން އެތިއްބެވީ ރަޝިޔާގައެވެ.
ރަޝިޔާއަށް ވަޑައިގެންނެވީ ކިހިނެއް؟
ހޮނިހިރުދުވަހުގެ ރެޔާއި އާދީއްތަ ދުވަހު ހެނދުނު ސީރިޔާއިން ފުރާފައިވާ މަތިންދާބޯޓު ތަކުގެ ތެރެއިން ދޭއްޗަކަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވެއެވެ. އެ ދެބޯޓަށް ސަމާލުކަން ލިބުމުގެ ސިއްރަކީ ހޮނިހިރު ދުވަހުގެރޭ ރައީސް ބައްޝާރު ކޮންމެވެސް ފްލައިޓެއްގައި ދިމިޝްގުގެ އެއަރޕޯޓުން ފިއްލަވަން ނިންމަވާފައިވާ ކަމަށް ސީރިޔަން އޮބްޒަރވޭޓަރީ ފޯރ ހިއުމަން ރައިޓްސްއިން ބުނެފައިވާތީއެވެ. މިތަނުން އެއްބޯޓަކީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިމިޝްގުގެ އެއަރޕޯޓުން ނައްޓާލި ސީރިޔާ ސިފައިންގެ ކާރގޯ ބޯޓެކެވެ. މި ބޯޓު އެންމެ ފުރަތަމަ އުދުހުނީ ސީރިޔާގެ ހުޅަނގު ބިތުގައިވާ ލަޓާކިއާއަށެވެ. އެއަށްފަހު ދެން އިރުމައްޗަށެވެ. ސީރިޔާގެ މެދުތެރޭގައިވާ ޚިމްސްއާ ހިސާބުން އެ ފްލައިޓްގެ ހިލަން ވަނީ ގެއްލިފައެވެ. ވެއްޓުނީއޭ ހީވާ ގޮތަކަށެވެ. އަނެއް ފްލައިޓަކީ ކުރިން މިދެންނެވި ފްލައިޓް ގެއްލުނު ފަހުން އާދީއްތަ ދުވަހު ހެނދުނު ލަޓާކިއާ އެއަރޕޯޓުން ނައްޓާލި ބޯޓެކެވެ. އެބޯޓު ދަތުރުކުރީ ސީދާ ރަޝިޔާގެ މޮސްކޯއަށެވެ.
ސީރިޔާގައިވާ ރަޝިޔާގެ މަރުކަޒުތަކަށް ދެންވާނީ ކިހިނެއް؟
ސީރިޔާގައި ރަޝިޔާގެ ސިފައިންގެ ދެ މަރުކަޒެއް ވެއެވެ. އެދެތަނުގައި އަދިވެސް ސިފައިން އެބަތިއްބެވެ. ހަތިޔާރުވެސް އެބަހުއްޓެވެ. ރަޝިޔާ ސަރުކާރުން ރައީސް ބައްޝާރާއި އޭނާގެ އާއިލާ މޮސްކޯއަށް ގެންގޮސް އެބޭފުޅުންނަށް ސިޔާސީ ހިމާޔަތްދިނީމާ ދެން ސީރިޔާގައި އަލަށް އުފެދޭ ސަރުކާރަކުން، އަދި ސީރިޔާގެ ވެރިކަން މިހާރު ކޮންޓްރޯލްކުރާ ހަގުރާމަވެރިން އަމަލުކުރާނީ ކިހިނަކުން ބާވައެވެ. ރަޝިޔާގެ މަރުކަޒުތަކަށް އަރައިގަނެ ބަދަލު ހިފުމުގެ ހަރަކާތްތަކެއް ނުހިންގާނެ ހެއްޔެވެ. ގަބޫލު ކުރެވޭގޮތުން މިއީ ރަޝިޔާ ވަރަށް ބޮޑަށް ވިސްނާފައިވާ މައްސަލައެކެވެ. އެކަން އެނގެނީ ރަޝިޔާގެ ރަސްމީ ޓީވީން ބުނެފައިވާ ވާހަކައަކުންނެވެ. އެމީހުން ބުންޏެވެ. ރައީސް ބައްޝާރާމެދު ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް އަންގަންޖެހޭ މައުލޫމާތު ވާނީ އެންގިފައެވެ. ސީރިޔާގައި ތިބި ރޫސީ ސިފައިންނާއި އެމީހުން ތިބި މަރުކަޒުތަކުގެ ސަލާމަތާމެދުވެސް ވަނީ މަޝްވަރާ ކުރެވިފައެވެ. ހަގުރާމަވެރިންނާ ރަޝިޔާގެ ކޯޅުމެއް ނެތެވެ. މައްސަލަ އޮތީ ޓެރަރިސްޓުންނާ ދޭތެރޭގައެވެ. ބުނެވޭ ގޮތުގައި ރޫސީންގެ ވައިގެ ހަމަލަތަލުގައި ސީރިޔާގެ އެކާވީސްހާސް މީހުން މަރުވެފައިވެއެވެ.
ބައްޝާރުގެ ވެރިކަން ނިންމުމުގައި އިޒްރޭލުގެ ދައުރު
ރައީސް ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނެވޭތޯ އެންމެ ބޮޑަށް މަސައްކަތްކުރި އެއްގައުމަކީ އިޒްރޭލެވެ. ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނެވުނީމާ އެކަމާމެދު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަނީ ކީކޭބާވައެވެ. ނަތަންޔާހޫ ބުންޏެވެ. މިއީ އިޒްރޭލަށް ލިބުނު ނުހަނު ބޮޑު ކާމިޔާބީއެކެވެ. މިކަން ހަގީގަތަކަށްވީ އިޒްރޭލުން ކުރި މަސައްކަތުންނެވެ. ކުރި ހަގުރާމައިންނެވެ. އަދި ކުރަމުންދާ ހަގުރާމައިންނެވެ. މިކަމުގެ ކްރެޑިޓް ހައްގުވަނީ އިޒްރޭލަށެވެ. ހިޒްބު ﷲ ބަލިކުރީ އިޒްރޭލުންނެވެ. އީރާނު ބަލިކުރީވެސް އިޒްރޭލުންނެވެ. ބައްޝާރުގެ ވެރިކަން ވެއްޓުނީ އެވެރިކަން ދަމަހައްޓަން ނަގާފައިވާ ދެމުޑި އިޒްރޭލުން ނައްޓައިލުމުންނެވެ. އެދެމުޑިއަކީ އީރާނާއި ހިޒްބު ﷲ އެވެ. ރައީސް ބައްޝާރުގެ ވެެރިކަން ނިމުމާ ގުޅިގެން ބައިނަލްއަގުވާމީ މީޑިއާގައިވެސް ބަސްމަގު ހުރީ ނަތަންޔާހޫ އެބުނި ޒާތަށެވެ. މިއީ ޚާއްސަ ގޮތެެއްގައި އީރާނާއި ރަޝިޔާއަށް ލިބުނު ބޮޑުވެގެންވާ ދެރައެއްގެ ގޮތުގައެވެ. އިޒްރޭލަށް ލިބުނު ބޮޑުވެގެންވާ ކާމިޔާބީއެއްގެ ގޮތުގައެވެ.
އެމެރިކާ އާއި ހުޅަނގުން ބުނަނީ ކީކޭ؟
އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަންވިލާތުން ވަނީ ބައްޝާރުގެ ވެރިކަން ވައްޓައިލެވުނީތީ އުފާފާޅުކޮށްފައެވެ. މިއަދަށްފަހު ސީރިޔާއަށް ހެޔޮގޮތް މެދުވެރިވާނޭ ކަމަށް ބުނެފައެވެ. އެކަމަކު އެބުނާ ހެޔޮގޮތަކީ ކޮބައިކަމެއް ނުބުނެއެވެ. ސީރިޔާގެ ވެރިކަން ވައްޓައިލީ ހަގުރާމަވެރިންގެ އެންމެ ޖަމާއަތަކުން ނޫނެވެ. ބައިވަރު ޖަމާއަތްތަކުންނެވެ. ރައީސް ބައްޝާރުގެ ސަރުކާރަށް ރުޅިއެރުން ފިޔަވައި މި ޖަމާއަތްތައް ހިއްސާކުރާ އެއްފިކުރެއް ނެތެވެ. އެހެންވީމާ ދެންއޮތީ ވާނެގޮތް ބުނަންދަތި ދުވަސްކޮޅެކެވެ. އެކި ޖަމާއަތްތަކަށް ވާގިވެރިވަމުން އައީ އެކި ގައުމުތަކުންނެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ އަމިއްލަ މަސްލަހަތުގެ ހިމާޔަތުގައެވެ. އެހެންވީމާ މިއެންމެން އެއްގަލަކަށް އަރައިގެން އެކައްޗެއް ކިޔައިގެން ސީރިޔާ އާރާސްތުކުރުމަކީވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އިސްލާމީ ބައެއް ގައުމުތަކުގައިވެސް ބައްޝާރުގެ ވެރިކަން ނިމުމުގެ އުފާ ފާޅުކުރާ މަންޒަރު އެބަފެނެއެވެ. އެ އުފަލަކީ ހަމައެކަނި ސުންނީ/ ޝިޔާ ކޯޅުންތަކަށް ބަލައިފައި މެދުއިރުމަތީގެ ހަގީގީ ބޮޑުމަންޒަރަށް ރިއާޔަތްކުރުމެއްނެތި ފާޅުކުރާ އުފަލެއް ކަމަށް ފެނެއެވެ.