އެޗްޑީސީ

އެޗްޑީސީގެ ދެވަނަ މެޗުގައި އިރާން ކްލަބު އަތުން ބަލިވީ ފަސް ސެޓަށް ގޮސްގެން

ނޭޕާލުގެ ކަތަމަންޑޫގައި އިއްޔެއިން ފެށިގެން ކުރިއަށްދާ ކާވާ ފިރިހެން ކްލަބު ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރަމުންދާ ރާއްޖޭގެ ކްލަބު އެޗްޑީސީން ކުޅުނު ދެވަނަ މެޗުގައި މިއަދު އިރާނުގެ، އިރާން ޗަދޯމަލޫ އަތުން ބަލިވެއްޖެއެވެ.

ކާވާ ފިރިހެން ކްލަބު މުބާރާތުގައި ނޭޕާލުގެ ހެލްޕް ނޭޕާލާއި ގަންޑާކީގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާގެ ކަލްކަޓް ހީރޯސް، ރާއްޖޭގެ އެޗްޑީސީ އަދި އިރާނުގެ އިރާން ޗަދޯމަލޫއެވެ.

މުބާރުގެ މެޗުތައް ލީގު އުސޫލުން ކުޅެން ނިންމާފައިވާ އިރު، ލީގު ބުރު ނިމުމުން ދެން ކުޅޭނީ ސެމީ ދެމެޗާއި ފައިނަލް އަދި ތިންވަނަ ހޮވާ މެޗެވެ. ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އެޗްޑީސީން އިއްޔެ މުބާރާތް ފެށީ ނޭޕާލްގެ ގަންޑާކީ ބަލިކޮށްގެންނެވެ. އެއީ 3-2 ސެޓުންނެވެ. މިއަދު އެޗްޑީސީން އިރާން ކްލަބު ކައިރިން ބަލިވީ 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު އިރާން ކްލަބުން 25-16 އިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުގައި އެޗްޑީސީން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެޗްޑީސީއަށް ކުޅެމުންދާ އިންޑިއާގެ ޗިރާގުގެ އިތުރުން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ)ގެ ރަނގަޅު އެޓޭކްތަކެއް ފެނިގެން ދިޔަ އިރު، ޓީމުގައި ހިމެނޭ ޒަމާލިދިން މުސައޭވްވެސް މުހިއްމު ދައުރެއް ސެޓުގައި އަދާކުރިއެވެ.

ދެވަނަ ސެޓު 25-22 އިން އެޗްޑީސީން ގެންގޮސް، ތިންވަނަ ސެޓުވެސް ފޯރިގަދަކޮށް ގޮސް ގެންދިޔައީ އެޗްޑީސީންނެވެ. އެއީ 25-22 އިންނެވެ. އެ ސެޓާއެކު އެޗްޑީސީން ލީޑަކަށް ދިޔަ ނަމަވެސް، ދެން ޖެހިގެން އައި ސެޓާއި ޓައި ބްރޭކް ސެޓު އިރާން ކްލަބުން ގެންދިޔައެވެ.

މެޗުގެ ހަތަރުވަނަ ސެޓު 25-20 އިން އިރާން ޓީމުން ގެންދިޔަ އިރު، އެޓީމުން ޓައި ބްރޭކް ސެޓު ގެންދިޔައީ 15-13 އިންނެވެ.

އެޗްޑީސީން ދެން ކުޅޭ މެޗުގައި ނުކުންނާނީ އިންޑިއާގެ ކަލިކަޓް ހީރޯސްއާ ދެކޮޅަށެވެ. އެއީ މާދަމާއެވެ.