ތުރުކީގައި ވިހަ ބަނގުރާ ބޮއެގެން 17 މީހަކު މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން އިތުރު 22 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ތުރުކީގެ ނޫސްތަކުން ވަނީ ވިހަ ބަނގުރާ ކައްކައި އެ ސަޕްލައި ކުރި 8 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެމީހުން އެކަން ކުރި ތަން ހޯދައިފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.
ނިމިދިޔަ ހަފުތާގައިވެސް ތުރުކީގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ ބަނގުރާ ކައްކަން ބޭނުންކުރާ 410 ލީޓަރުގެ އެތަނޯލާއި މެތަނޯލްގެ އިތުރުން 165 ފުޅި ބަނގުރާވެސް އަތުލައިފައެވެ.
ތުރުކީގައި ބަނގުރާ ކައްކައިގެން އެއިން ވިޔަފާރިކުރުމަކީ އާންމު ކަމެއްކަމަށް އޮފިޝަލުން ބުނެއެވެ. 2021 ވަނަ އަހަރުވެސް ތުރުކީގައި ވިހަ ބަނގުރާ ބޮއެގެން 25 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.