އިޓަލީ ލީގުގައި ރޭ އިންޓަ މިލާނާއި ފިއޮރެންޓީނާ ވާދަކުރި މެޗުގައި ކުއްލި ގޮތަކަށް ދަނޑުމައްޗަށް ވެއްޓުނު، ފިއޮރެންޓީނާގެ އެޑޮއާޑޯ ބޯވޭ މިހާރު ހޭ އަރާފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ކްލަބުން ބުނެފިއެވެ.
ރޭ ސެރެއާ އޭގައި އިންޓަ އާއި ފިއޮރެންޓީނާ ވާދަކުރި މެޗު މެދުކަނޑާލީ 16 ވަނަ މިނެޓުގައެވެ. އޭރު އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވާ އިރު، މެޗު މެދުކަނޑާލީ ބޯވޭ ކުއްލި ގޮތަކަށް ޝޮކެއް ޖެހިގެން ކަހަލަ ގޮތަކަށް ދަނޑުމައްޗަށް ވެއްޓުމުންނެވެ.
ބޯވޭ ވެއްޓުމާ އެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހާސްކަން މަތީގައި އަވަހަށް މެޑިކަލް އެރުވުމަށް އިޝާރާތް ކޮށްފައިވާ އިރު، ކުޅުންތެރިން ވަނީ އޭނާގެ ވަށައިގެން ބޮޅެއްވެސް ހަދައިފައެވެ. އެއީ ބޯވޭ ޝޮކެއްގައި އޮތުމުންނެވެ.
ބޯވޭއަށް ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު އެމްބިއުލައިންސްގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާން ދޭން ފަށާފައިވާ އިރު، މެޗުގެ ރެފްރީ ވަނީ އެހިސާބުން ކުޅުން ހުއްޓާލައިފައެވެ. އަދި ފަހުން އެ މެޗު އިތުރަށް ނުކުޅޭ ގޮތަށް ނިންމައި ފަސްކުރިއެވެ.
ކްލަބުން ބުނީ އުމުރުން 22 އަހަރު ބޯވޭއަށް މިވަގުތު ފަރުވާ ދެމުންދަނީ ހޭނައްތައިގެން ކަމަށާއި ފުރަތަމަ ޓެސްޓްތަކުގެ ނަތީޖާ އެހާ ގޯސް ނޫން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ބޯވޭ އޮތީ ސްޓޭބަލް ހާލަތެއްގައި ކަމަށާއި ބޮޑު ލޭ ހޮޅިއަކަށް ގެއްލުންވެ، ނޭވާ ލުމުގެ ނިޒާމަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށްވެސް ފިއޮރެންޓީނާއިން ބުންޏެވެ.
އިޓަލީއަށް އުފަން ބޯވޭ ފިއޮރެންޓީނާއާ ގުޅުނީ ރޯމާގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ.