މިމަހުގެ 15 އިން ފެށިގެން ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 15 އިން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ކޯޓު ރިސެސްއަށް ދިއުމަށް ގަޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ހައްލުވެފައިނުވާތީ، މިވަގުތުވެސް ކޯޓުން މަސައްކަތްކުރަނީ ޝަރީއަތް ކުރާ މާލަންތައް އެކި ގާޒީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމުގައިވާތީ، ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލުކުރުމަށް ގޮންޖެހުންތަކެއް ހުރުމުން މި މަސް އެއްކޮށް ރިސެސްއަށް ނިދުއުމަށް ނިންމާފައިވާ ކަމަށެވެ.
"ނަމަވެސް ހުޅުމާލޭގައި ހުންނަ، ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތަށް ކޯޓުގެ މަސައްކަތްތައް ބަަދަލުކުރެވިއްޖެ ނަމަ، ކޯޓުގެ ޖާގައިގެ ދަތި ކަމަށް ހައްލު ލިބި، މައްސަލަތައް އަވަސްވާނެ ކަމަށް ގަބޫލުކުރެވެއެވެ..،" ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް ބައެއް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަންދު މުއްދަތު ޖެހުމާއި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތްތައް އަދި ގާނޫނުގައި ނުވަތަ ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން ހިމެނެއެވެ.