ޚަބަރު

ޖީއެމްއާރް އިން ޓެކްސް ދޭން ނުޖެހޭ ކަމަށް މީރާއަށް ލަފާ ދިނިން: އޭޖީ

އިންޑިއާގެ ޖީއެމްއާރް އިން ޓެކްސް ދޭން ނުޖެހޭ ކަމާއި އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައްކަންޖެހޭ ފައިސާއެއް ކަމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އަށް ލަފާދީފައިވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ޖީއެމްއާރް އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން ނުޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ލަފާދެއްވި ކަމުގެ ތުހުމަތު، ކުރީގެ ޑެޕިއުޓީ ބަންޑާރަ ނައިބު އަހްމަދު އުޝާމް ކުރެއްވުމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ކިބައިން ޖީއެމްއާރްއަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ފައިސާއިން އެއްވެސް ފައިސާއެއް އުނިނުވެ އެ ކުންފުންޏަށް ފުރިހަމައަށް ލިބިދޭންޖެހޭ ކަމަށް އާބިޓްރޭޝަން ޓްރައިބިއުނަލް އިން 25 އޮކްޓޯބަރު 2016ގައި ނިންމާފައިވާ ކަމަށެވެ.

އާބިޓްރޭޝަން ޓްރައިބިއުނަލްގެ އެ ނިންމުމުގައި ބުނާގޮތުން ޖީއެމްއާރް އާބިޓްރޭޝަން އެވޯޑުގެ ފައިސާގެ ތެރެއިން ރާއްޖޭގެ ފަރާތްތަކުން ޓެކްސްގެ ގޮތުގައި އެއްވެސް މިންވަރެއް އުނިކުރާ ހާލަތުގައި އެވޯޓުގައި ފައިސާ ޖީއެމްއާރްއަށް ދައްކަންވާނީ ޓެކްސްގެ ގޮތުގައި އެއްވެސް މިންވަރެއް އުނިނުކުރާ ހާލަތުގައި އެ ކުންފުންޏަށް ލިބެންވާ ފައިސާގެ އަދަދަށް ޓެކްސް އިތުރުކުރުމަށްފަހުއެވެ.

އާބިޓްރޭޝަންގެ ނިންމުން ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ފަރާތުން ގަބޫލުކޮށް، އެވޯޑުގައިވާ އަދަދަށް ޖީއެމްއާރްއަށް 15 ނޮވެމްބަރު 2016ގައި އެމްއޭސީއެލް އިން ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ޑެޕިއުޓީ ބަންޑާރަ ނައިބު އުޝާމްގެ ތުހުމަތާ ގުޅޭގޮތުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަންޑާރަ ނައިބުގެ މަގާމުގައި ހުރެ ޖީއެމްއާރްއާ ގުޅޭގޮތުން އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށާއި ދައުލަތުގެ މަސްލަހަތު އިސްކުރާ ކަމަށެވެ. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ދީފައިނުވާނެ ކަމަށާއި މަސައްކަތްކުރަނީ ހައްގުތަކުގެ ދިފާއުގައި ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.