ޚަބަރު

މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރުގެ ފައިދާއެއް ނެތް: އޮޑިޓް

1

މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހދ. އަތޮޅު ކައުންސިލުން ތައިލެންޑުގެ ބެންކޮކަށް ކުރި ދަތުރުގެ ފައިދާއެއް ފެންނަން ނެތް ކަމަށް އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ހދ. އަތޮޅު ކައުންސިލުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު ކައުންސިލުން ބެންކޮކަށް ކުރި ތަޖުރިބާ ދަތުރުގައި އަތޮޅުގެ ކައުންސިލު އިދާރާގެ ހުރިހާ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖުމަންޓުގެ ބައެއް މުވައްޒަފުން ހިމެނޭހެން ޖުމުލަ 20 މުވައްޒަފަކު ބައިވެރިވިއެވެ.

ދިހަ ދުވަހުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމަށް ކުރި އެ ދަތުރުގައި ޖުމުލަ 952،885 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ ދަތުރަކީ ކައުންސިލުގެ މަސައްކަތާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް ފަންނުވެރިކަން އިތުރުކުރުމަށް ކުރެވުނު ދަތުރެއް ނަމަވެސް، ދަތުރު ނިމި އެއް އަހަރުގެ މުއްދަތެއް ފާއިތުވެގެންދިޔަ އިރުވެސް، ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި އެ ދަތުރުން ހޯދުނު ތަޖުރިބާއާއި ފަންނީ ކުރިއެެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫއެއް ފަށާފައި ނުވާކަން ފާހަގަކުރެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

"މީގެ އިތުރުން 2023 ވަނަ އަހަރު ކައުންސިލުގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ އިން، އަތޮޅުގެ ތަރައްގީއަށް ނުވަތަ ރައްޔިތުންނަށް ދިގު މުއްދަތެއްގައި އޭގެ ފައިދާ ކުރާނެ ކަންކަމަށް ހަރަދުކުރުމުގެ ބަދަލުގައި 2023 ވަނަ އަހަރު ކައުންސިލުގެ އިދާރާއަށް އާމްދަނީ އާއި ބްލޮކް ގްރާންޓުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން ބޮޑު އަދަދެއް މި ދަތުރުގެ ހަރަދުތަކަށް ކޮށްފައިވެއެވެ..،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ އެ އަހަރު ކައުންސިލުގެ އިދާރާއަށް ފާސްކޮށްފައިވާ ބަޖެޓުގައި ރާއްޖެއިން ބޭރަށް ތަޖުރިބާ ދަތުރެއްގައި ދިއުމަށް ބަޖެޓުކޮށްފައި ނުވާއިރު، ސަޕްލިމެޓަރީ ބަޖެޓެއް ހުށަހަޅުމަކާ ނުލައި ބަޖެޓް ކޮންޓްރޯލްސް ހޯދުމަށްފަހު ރާއްޖެއިން ބޭރަށް ކުރާ ދަތުރުގެ ކޯޑަށް ބަޖެޓު އިތުރުކޮށްގެން ބެންކޮކް ދަތުރުގެ ހަރަދުތައް ހަމަޖައްސާފައިވާ ކަމަށެވެ.

މާލިއްޔަތާ ބެހޭ ސާކިއުލާގައި ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލު އިދާރާ އިން އެ ދަތުރުކޮށްފައިވަނީ މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ކަމަށާއި އެ ދަތުރަކީ ކައުންސިލު އިދާރާގެ އާމްދަނީ އާއި ފައިސާ އާއި ބަޖެޓު ފައިސާ އިން ކޮށްފައިވާ ދަތުރެއް ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނީ އެ ދަތުރަށް ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއާ ހިލާފަށް ކަމަށްވާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ފަދަ ހުއްދަ ނޫން ކަމެއް ކޮށްފައިވާ ކަމަށް ބެލެވޭތީ، މާލިއްޔަތު ގަވާއިދުގެ ދަށުން އެ ހަރަދުތަކަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ދަންނަވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟