ޒީނަތްތެރިވުމުގައި ގެންގުޅެވޭ ކުދި އާދަތައް ބޮޑެތި ކަންކަމަށްވުރެ މުހިންމުވެގެން ދެއެވެ. ކޮންމެ މީހަކުވެސް އުޖާލާ ހަމަކާއި ވިދާ އިސްތަށިގަނޑެއް ބޭނުންވާއިރު އެކަން ހާސިލުކުރުމަށް އަދި ދެމެހެއްޓުމަށްވެސް މަސައްކަތް ކުރަން ޖެހެއެވެ.
މީގެ މާނައަކީ ބޮޑެތި ހަރަދުކޮށް އަގުބޮޑު ޕްރޮޑަކްޓްސް ގަތުމެއް ނޫނެވެ. ނުަވަތަ އަބަދު ސެލޫނަށް ދިޔުމެއްވެސް ނޫނެވެ. ކުދި ކުދި ކަންކަމުންވެސް ބޮޑު ތަފާތެއް ގެނުވިދާނެއެވެ. މި ކަންކަމަކީ ހަރަދު ކުޑަ ފަސޭހައިން ކޮށްލެވޭނެ ކަންކަމެވެ.
ލޯކައިރި ކަޅުވެ އަދި ޕަފީ ވާނަމަ ގްރީން ޓީ އަކީ އެއަށް ދެވެން އޮތް އެންމެ ފަސޭހަ އަދި ރަނގަޅު އެއް ފަރުވާއެވެ. ގްރީން ޓީގައި ހިމެނޭ ގުދުތަރީ މާއްދާތަކާއި ކެފެއިންގެ ސަބަބުން، ލޯކައިރީގައި ހުންނަ ކަޅުކަން ފަސޭހައިން ކަނޑުވާލައި ލޯކައިރި އުޖާލާކޮށްދެއެވެ.
ގްރީން ޓީގެ ފަރުވާ ހޯދުމަށް ޓަކައި، ބޭނުންކޮށްފައިވާ ސައިފަތް ޕެކެޓެއް އައިސްއަލަމާރީގައި އެއްގަޑިއިރު ބޭއްވުމަށްފަހު ލޯކައިރީ އަޅައިލާށެވެ.
ބޭނުންވާ ކުލައިގެ ލިޕްސްޓިކް ނުލިބޭ ނަމަ އައިޝޭޑޯ އާއި ވެސްލިން ބޭނުންކޮށްގެން ތައްޔާރުކޮށްލާށެވެ. ވެސްލިން އިން ތުންފަތް ރައްކާތެރިކޮށް ހައިޑްރޭޓްކޮށްދޭނެއެވެ.
ވެސިލިން އިން ހިފިދާނެ އެހެން ބޭނުމަކީ ގަޔަށް ސެންޓު ޖެހުމުގެ ކުރިން ކަރާއި އަތު ކުރީގައި އަދި މިނޫންވެސް ސެންޓް ޖަހާ ތަންތަނުގައި ވެސްލިން ހާކާލާށެވެ. އެއަށްފަހު ސެންޓު ޖެހުމުން ގިނަ އިރު ވަސް ހިފަހައްޓައިދޭނެއެވެ.
ކުދި އިސްތަށިތައް ފުނާ އެޅުމުންވެސް އުދުހިލަ އުދުހިލަ ހުންނަ މިއަށް ވެސް ހައްލެއް އެބައޮތެވެ. ހެޔާ ސްޕްރޭ ބޮބީ ޕިންއަށް ޖަހާލުމަށްފަހު ބޮލުގައި ބޮބީ ޕިން ހަރުކޮށްލާށެވެ. އޭރުން އިސްތަށިގަނޑު ރީއްޗަށް މަޑުން އޮންނާނެއެވެ.
ތުވާލީގައި ހުންނަ ކޮޓަން ފައިބަރުން އިސްތަށިގަނޑުގެ މޮއިސްޗަރުކޮޅު ދަމާލައެވެ. އޭގެ ސަބަބުން އިސްތަށިގަނޑު ފްރިޒީވެ ހަލާކުވެގެންދެއެވެ. އެހެން ކަމުން ބޯ ހިއްކުމަށް ތުވާލީގެ ބަދަލުގައި ކޮޓަން ޓީޝާޓެއް ބޭނުން ކުރާށެވެ.
ބޭނުން ކުރާ ބާލީސް އުރައަކީ ކޮޓަން ފޮތީގެ އުރަކަމުގައި ވާނަމަ އޭގެ ސަބަބުންވެސް އިސްތަށިގަނޑު ޑްރައިވެ ހަލާކުވާން މެދުވެރިވެއެވެ. އަދި އިސްތަށި ފައިބަންވެސް ފަށައެވެ. އެހެންކަމުން ބޭނުންކުރާ ބާލީސްއުރަ ސެޓިން ފޮއްޗަށް ބަދަލު ކޮށްލާށެވެ. އޭގެ ސަބަުން އިސްތަށިގަނޑު އޮމާންވެ ރީތިކޮށް އޮންނާނެއެވެ.
ހެޔާ ޑްރަޔާއިން އައިލޭޝް ކާލާ ހޫނުކޮށްލާށެވެ. އެއަށްފަހު އެސްފިޔަތައް އޭގެން ކާލް ކޮށްލާށެވެ. މީގެ ސަބަބުން އެސްފިޔަތައް ރީތިވެ ދިގުކަމަށް ދައްކާނެއެވެ.