ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. އެގޮތުން ހުނިހަކުރަކީ ދިވެހިންނަށް ވަރަށް ކަމުދާ ކެއުމެކެވެ.
ބޭނުންވާ ތަކެތި:
ފުށްގަނޑު ތައްޔާރުކުރުމަށް.
2 ޖޯޑު ފުށް
1/2 ބައި ޖޯޑު ކާށި ހުނި
ހުނިގަނޑު ތައްޔާރުކުރުމަށް:
3 ޖޯޑުގެ ގަބުޅި ހުނި (ހިމުންކޮށް ގާނާފައި)
3 ޖޯޑުގެ ހަކުރު
2 ރާނބާފަތް
1 އިންޗި ފޮނި ތޮށި
6 ކާފޫރު ތޮޅި
3 ސަމުސާގެ މާފެން
މިދިލިފަތް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތެލީގެ ތެރެއަށް ގާނާފައިހުރި ގަބުޅި ހުންޏާއި ހަކުރު އަޅާށެވެ. އެއަށްފަހު ހަކުރުކޮޅު މަތިން ފެންފޮދެއް ބުރުވައިލާށެވެ. ދެން ފޮނިތޮށި، ކާފޫރުތޮޅި، ރާނބާފަތް އަޅައިގެން މަޑުގިނީގައި ކައްކާށެވެ. އަބަދުވެސް ދޭފަތުން ހާކަންވާނެއެވެ. މާފެން ފޮދުވެސް އަޅާށެވެ. ހުނިގަނޑު ރަނގަޅަށް ކެކުނީމަ ހަކުރުތައް މަޅުވެ، ހުނިގަނޑަށް ރަތްކުލަ އަރަންފަށާނެއެވެ.
މިހާރު އެހުރީ ހުނިގަނޑު ތައްޔާރުކުރެވިފައެވެ. ދެން ކާށި ހުނި އަޅައިގެން ފެންޖަހައި، ފުށްގަނޑު މޮޑެލާށެވެ. މޮޑެން ވާނީ ރޮށި ދެމޭ ވަރަށެވެ. ހުނިހަކުރު ހެދުމަށްޓަކައި ހިމަ ދިގުކޮށް ރޮއްޓެއްދަމާލާށެވެ. އެއަށްފަހު މިދިލި ފަތުގެ މަތީގައި ރޮށި ބާއްވައި މައްޗަށް ހުނިހަކުރު އެޅުމަށްފަހު ފަތް ލައްޕާލާށެވެ. ނުވަތަ ތަތްކޮށްލާށެވެ. ހުރިހާ އެއްޗަކަށް ހުނިއަޅައި ނިމުމުން އުނދުންމައްޗަށް ފެންތެއްޔެއް އުދާށެވެ. ފެނުގައި ނުޖެހޭނެހެން ބަހައްޓައިގެން އާވިން 15 މިނެޓް ވަންދެން ކައްކާށެވެ. ހުނިހަކުރު ފިހަން ބޭނުންނަމަ ތަވާގައިވެސް ފިހެވޭނެއެވެ. އަވަނުގައި ފިހަން ބޭނުންނަމަ ފަތުގައި ނުޖަހާ އަވަނުން ފިހާށެވެ. މިއީ ބައެއް ދިވެހިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ކެއުމަށް ބޭނުންވާ އެއްޗެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އަދިވެސް ހުނިހަކުރުވަރެއް ހަމަނެތެވެ.