ޚަބަރު

ބީއެމްއެލް އަށް 65 އޭޓީއެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

ފާތިމަތު ލިޔުޝާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 65 އޭޓީއެމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ބީއެމްއެލްއިން މިދޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ ބޭންކަށް އޭޓީއެމް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކަމާ ގުޅުން ހުރި މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ބީއެމްއެލްގެ ހެޑް އޮފީހުގައި ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން 65 އޭޓީއެމް ގެންނަން އިއުލާނުކޮށްފައި މިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމަށް މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު އިފްތިތާހުކޮށް، ބީއެމްއެލްއާއި ސަރުކާރާ ދެމެދު ކުރިއަށްގެންދާ މަޝްރޫއު އިފްތިތާހުކުރި ފަހުންނެވެ.

މިވަގުތު ރާއްޖޭގައި ބީއެމްއެލް ގެ 190 އޭޓީއެމް ގާއިމްކޮށްފައިވެއެވެ. އަންނަ 2025 ނިމުމުގެ ކުރިން ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަށް ބީއެމްއެލްއިން ވަނީ މަސައްކަތް ފަށާފައެވެ.