ޖަރުމަން ބުންޑަސްލީގާ

ބަޔާނާއި ޑޯޓްމަންޑް އެއްވަރު، ކޭންއަށް އަނިޔާއެއް

މުޙައްމަދު ޝަމްޢޫން

ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ވާދަވެރި ބްރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިހާތަނަށް މި ސީޒަނުގެ ލީގުގައި ބަޔާން ބަލިވެފައި ނުވާ އިރު، އެޓީމުން ރޭގެ މެޗު ފަހަތުން އަރައި އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ. ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗުން ހޯދި ޕޮއިންޓާއެކު ބަޔާން ތާވަލުގެ އެއްވަނައިގައި 12 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި ފްރެންކްފާޓް އޮތީ 11 މެޗުން 23 ޕޮއިންޓާއެކުގައެވެ.

ބަޔާން ލެވަކޫސަން ތިންވަނައިގައި 12 މެޗުން 23 ޕޮއިންޓާއެކު އޮތް އިރު، ހަތަރު ވަނައިގައި އޮތީ ލެއިޕްޒިގެވެ. އެއީ 12 މެޗުން 21 ޕޮއިންޓާއެކުގައެވެ. ސީޒަނުގެ ލީގުގައި މިހާތަނަށް ހަތަރު މެޗުން ބަލިވެ، ދެމެޗުން އެއްވަރުވެފައިވާ ޑޯޓްމުންޑް ފަސްވަނައިގައި އޮތީ 12 މެޗުން 20 ޕޮއިންޓާއެކުގައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި މާ ގިނަ ހަމަލާތަކެއް ނުފެނުނު ނަމަވެސް، ޑޯޓްމަންޑުން ހާފު ނިންމާލީ ލީޑާއެކުގައެވެ. ހާފު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ނިކޯ ޝްލޮޓާބެކް ދުއްވާލި ޕާހަކަށް މަސައްކަތް ޖޭމީ ގިޓެންސް ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.

އެ ގޯލާއެކު ޑޯޓްމަންޑުން ހާފު ނިންމާލި އިރު، ބަޔާނަށް ކުރިމަތިވި އަނެއް މާޔޫސްކަމަކީ އެޓީމުގެ އިތުބާރު ފޯވަޑް ހެރީ ކޭންއަށް އަނިޔާވެގެން ބާލަން ޖެހުމުންނެވެ. މިދިޔަ ސީޒަނުގައި ޑޯޓްމަންޑް ކޮޅަށް ހެޓްރިކް ހެދި ކޭންގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުގައި ކުޅެން އެރީ ތޯމަސް މުލާއެވެ.

ދެވަނަ ހާފު ފެށިގެން މުލާއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ޖަމާލް މުސިއާލާ އުފެއްދި ހަމަލާއެއް މަތަކުރީ ޑޯޓްމަންޑްގެ ކީޕަރު ގްރެގާ ކޮބެލްއެވެ. ބަޔާނުން ކޮބެލް ފޫއަޅުވާލަން ކުރި މަސައްކަތް، މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކުރީވެސް މުސިއާލާއެވެ.

މައިކަލް އޮލީސޭގެ ހުރަސް އޭރިއާ ތެރެއިން އޭނާ ގޯލަށް ވައްދާލީ ބޮލުން ޖައްސާލައިގެންނެވެ.