ޖަރުމަން ބުންޑަސްލީގާ

ބަޔާނަށް މަޑުޖެހުމެއް، ޑޯޓްމުންޑްވެސް ބަލި

ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ޔޫނިއަން ބާލިންއާ އެއްވަރުވި އިރު، ލެއިޕްޒިގުން ޑޯޓްމުންޑް ބަލިކޮށްފިއެވެ.

ބަޔާނުން ރަށުން ބޭރުގައި ޔޫނިއަން ބާލިންއާ އެއްވަރުވީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ލެއިޕްޒިގުން އަމިއްލަ ދަނޑުގައި 2-0ގެ ނަތީޖާއަކުން ޑޯޓްމުންޑް ބަލިކުރި އިރު، އެއްވަނައިގައި ބަޔާން އޮތީ 26 މެޗުން 62 ޕޮއިންޓާއެކުގައެވެ.

ދެވަނައިގައި ލެވަކޫސަން 25 މެޗުން 53 ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި މެއިންޒް އޮތީ 26 މެޗުން 45 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި 25 މެޗުން 42 ޕޮއިންޓް ހޯދާފައިވާ ފްރެންކްފާޓް އޮތްއިރު، ފަސް ވަނައިގައި އޮތް ލެއިޕްޒިގަށް ލިބިފައިވަނީ 26 މެޗުން 42 ޕޮއިންޓާއެކުގައެވެ. ރޭ ބަލިވި ޑޯޓްމުންޑް އޮތީ 11 މެޗުން 26 މެޗުން 35 ޕޮއިންޓާއެކުގައެވެ.

ބަޔާން މެޗުގެ ފުރަތަމަ ހާފުގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ހަމަލާތައް މަދުކޮށް ފެނިގެން ދިޔައިރު، ބަޔާނުން ގޯލު ޖެހީ 75 ވަނަ މިނެޓުގައެވެ. ލެރޮއި ސާނޭ އެ ގޯލު ޖެހި ނަމަވެސް، އޭގެ އަށް މިނެޓް ފަހުން ބެނެޑިޓް ހޮލާބެޗް ވަނީ ޔޫނިއަން ބާލިންނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ލެއިޕްޒިގާއި ޑޯޓްމުންޑް ވާދަކުރި މެޗުގެ ފުރަތަމަ 50 އަކަށް މިނެޓުގައި ލެއިޕްޒިގް ޑޮމިނޭޓް ކުރި އިރު، އެ ޓީމުން ވަނީ ދެ ގޯލުވެސް ޖަހައިފައެވެ. އެއީ ޒަވީ ސިމޮންސްއާއި ލޮއިސް އޮޕެންޑާއެވެ.

އެ ދެ ގޯލާއެކު ލެއިޕްޒިގުން ލީޑު ނަގައިގެން ކުޅެމުންދިޔަ ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ޑޯޓްމުންޑުން ނުރައްކާ ކުރިއެވެ. މެކްސިމިލިއަން ބިއޭގެ ހަމަލާ ދަނޑިއަށް އަމާޒުވި އިރު، ކަރިމް އަޑެޔޭމީ ފޮނުވާލި ހަމަލާ މަތަކުރީ ލެއިޕްޒިގްގެ ކީޕަރު ޕީޓާ ގުލާސްކީއެވެ.

ޑޯޓްމުންޑުން އަނބުރާ މެޗަށް ވަނުމަށް ކުރި މަސައްކަތުގައި ޕަސްކާލް ގްރޮސްއާއި ނިކޯ ޝޮލަޓާބެކް ފޮނުވާލިތައް ދިޔައީ ބޭރަށެވެ.