އަލީ ޔާމިން
ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ހެދުމަކީ ވަރަށް ގައިރު ޒިންމާދާރު ކަމެއް ކަމަށް ވިދާޅުވެ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރައްދު ދެއްވައިފިއެވެ.
އިހުސާން، ފައްޔާޒަށް ރައްދު ދެއްވީ އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓަކާ ގުޅިގެން ފުލުހަށް ހާޒިރުވާން އެންގުމުން އެކަން ކުށްވެރި ކުރައްވައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި ފައްޔާޒު ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ.
"ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ
ފައްޔާޒުގެ އެ ޕޯސްޓަށް ރައްދު ދެއްވައި އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝާފިއު އެކްސްގައި ކުރި ޕޯސްޓުގައި ލިޔެފައި އޮތީ، "މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!" ކަމަށާއި އެ ޖުމުލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެ މީހަކު މަގެއްމަތިން ފެނިއްޖެނަމަ އެ މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދީފާނެ ކަމަށް ދޭހަވާ ގޮތަށް އޮތުމުން އެކަމުގެ ތަފުސީލު ހޯދާ އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާ ގޮތަށް ބުނެފިނަމަ އެއީ ހިޔާލުފާޅުކުރީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މި ގައުމުގައި ކަންކަން އޮންނާނެ ގޮތަކީ؟" ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒަށް ރައްދުދެއްވައި އިހުސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އެ މީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ޝާފިއުއަށް ފޮނުވި ޗިޓުގައި ބުނީ އެ މުއައްސަސާއިން ބަލަމުންދަނީ ނޮވެމްބަރު 8، ގައި ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާ ޕްލެޓް ފޯމެއް ކަމަށްވާ "އެކްސް" ގައި އޭނާ ކުރި ޕޯސްޓެއްގެ މައްސަލަ ކަމަށެވެ. އެ މައްސަލައިގައި އޭނާގެ ބަޔާން ނެގުމަށް ހާޒިރުވުމަށް އަންގާފައިވަނީ، މާދަމާ މެންދުރު 1:30 ގައެވެ.