ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގްލޯބަލް ސިޓިޒަން އެވޯޑް މިއަދު ލިބިވަޑައިގެންފިއެވެ.
އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒަންޝިޕްގެ ތަޖުރިބާކާރު ފާމް، ހެންލީ އެންޑް ޕާޓްނާސް އާއި ސްވިޒަލެންޑްގެ އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާ އަންޑަން ފައުންޑޭޝަން ގުޅިގެން ދޭ ގްލޯބަލް ސިޓިޒަން އެވޯޑް ނަޝީދަށް އަރުވާފައިވަނީ ސިންގަޕޫރުގައި ބޭއްވި 18 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައެވެ.
ނަޝީދަށް އެ އެވޯޑް ލިބިވަޑައިގެންނެވީ ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގެ ރޮނގުންނެވެ.
ހެންލީ އެންޑް ޕާޓްނާސް ފާމްގެ ޗެއާމަން ޑރ. ކްރިސްޓިއަން އެޗް ކައެލިން 2014 ވަނަ އުފެއްދި އެ އެވޯޑަކީ އިންސާނިއްޔަތަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް ވަކާލާތުކުރާ އަމިއްލަ ފަރުދުންގެ އަގުވަޒަންކޮށް އަރުވާ ބައިނަލްއަގުވާމީ ޓްރިބިއުޓެކެވެ. އެ އެވޯޑް ހޮވުމުގެ މަރުހަލާ ބިނާވެފައިވަނީ ގްލޯބަލް ސިޓިޒަން އެވޯޑް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަށެވެ.
ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކަކަށް ވާދަކުރެވޭ ގޮތަށް ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެވެ. ރާއްޖޭގެ ސިޔާސީ މައިދާނުން ދުރަށް ވަޑައިގެން ނަޝީދު މިހާރު ދިރިއުޅުއްވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ގާނާގައެވެ.