އިސްރަށްވެހިންނަށް ހާއްސަކޮށްގެން އުރީދޫގެ "ގްރޯ ވިތު އުރީދޫ"ގެ ސެޝަނެއް އައްޑޫ ސިޓީ ފޭދޫގައި ކުރިއަށްގެންގޮސްފިއެވެ.
އުރީދޫން ކުރިއަށްގެންދާ ގްރޯ ވިތު އުރީދޫގެ ސެޝަނެއް ފޭދޫގައި މިދިޔަ ހޯމަ ދުވަހު ވަނީ ބާއްވައިފައެވެ. އެ ސެޝަން ކުރިއަށްގެންދިޔައީ ފޭދޫ އަވަށު އޮފީހާ ގުޅިގެންނެވެ.
އުރީދޫން މިއަދު ބުނީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ އެ ސެޝަނުގައި ގޭގައި ގަސް އިންދުމާއި ހެއްދުމަށް ކުރެވިދާނެ ކަންކަން ކިޔައިދީ އަމަލީ ސެޝަނެއްވެސް ކުރިއަށްގެންދިޔަ ކަމަށެވެ.
ސެޝަން ނަގައިދިނީ އުރީދޫގެ "ގްރޯ ވިތު އުރީދޫ" ބްރޭންޑް އެމްބެސެޑާ ރަމްޒީ ހުސައިނެވެ. އެ ހަރަކާތުގައި ދުވަސްވީ މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށް، އަމަލީ ސެޝަނެއް ކުރިއަށްގެންދިޔަ ކަމަށާއި ބައިވެރިންނާއެކު މަޝްވަރާކޮށް އަދި އެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުން ކުރިއަށްދިޔަ ކަަމަށްވެސް އުރީދޫން ބުންޏެވެ.
އުރީދޫން އިތުރަށް ބުނީ، އެ ކަހަލަ އެކްޓިވް ހަރަކާތްތަކުން ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮ ކަމަށް ލިބޭ ފައިދާތަކަށް އަލިއަޅުވާލާފައިވާނެ ކަމަށާއި އެއީ "ގްރޯ ވިތު އުރީދޫގެ" ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ބޭއްވި ތިންވަނަ ހަރަކާތް ކަމަށެވެ.
އައްޑޫގައި ބޭއްވި އެ ހަރަކާތަކީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިންކްލޫސިވް އިވެންޓުތައް ބޭއްވުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ދަށުން، މުޖުތަމައުގައި ހަރަކާތްތެރި ފަރާތްތަކުގެ ގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ގްރޯ ވިތު އުރީދޫ" ސިލްސިލާގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ދެމެހެއްޓެނިވި އުސޫލުތައް ކުރިއަރުވައި ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށާއި އެ ސިލްސިލާގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް ތަފާތު ގުރޫޕްތަކަށް ހިދުމަތް ދޭ ގޮތަށް ހަރަކާތްތައް ފަރުމާކޮށް، އިންކްލޫސިވް ކޮމިއުނިޓީތައް ބިނާކުރުމަށް އުރީދޫން އަބަދުވެސް މަސައްކަތް ކުރެއެވެ. މައުލޫމާތު ހިއްސާކުރުމާއި އަމަލީ ހުނަރުގެ ޒަރިއްޔާއިން މި ޑިމޮގްރަފިކް ބާރުވެރިކުރުވައި، އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަކީ އުރީދޫގެ އަމާޒެކެވެ.