މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސާ މަރިޔަމް ވަހީދާ އާއި ބްރޯޑްކޮމްގެ މެންބަރު އަލީ ޔޫސުފުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިމަހުގެ 18 ވަނަ ދުވަހު ވެސް ހުޅުވާލިއެވެ.
އެ އިއުލާން ބާތިލުކޮށް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބްރޯޑްކޮމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މަރިޔަމް ވަހީދާ އާއި ޔޫސުފުގެ ދައުރު އަންނަ މަހުގެ ފަސް ވަނަ ދުވަހު ހަމަވާނެއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. އެތަކެތި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.