ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ބްރެސްޓް ބަލިކުރި އިރު، އާސެނަލުން ރަށުން ބޭރުގައި ސްޕޯޓިން ލިސްބަން ބަލިކޮށްފިއެވެ.
ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ބާސާއިން 3-0 އިން ބްރެސްޓް ބަލިކުރި އިރު، މިހާރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިން ކުރިން އިރުޝާދު ދިން ސްޕޯޓިން އާސެނަލް އަތުން ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ.
ބާސާއިން ރޭގެ މެޗު ވަރުގަދަކޮށް ފެށިއިރު، ނުވަ ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އޭރިއާ ތެރެއިން ބްރެސްޓްގެ ގޯލްކީޕަރު މާކޯ ބިޒޮޓް، ލެވަންޑޯސްކީއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް، އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޖެހި 100 ވަނަ ގޯލު ކާމިޔާބު ކޮށްފައެވެ.
ލެވަންޑޯސްކީއަކީ އާޖެންޓީނާގެ ކެޕްޓަން، ކުރިން ބާސާއަށް ކުޅުނު ލިއޮނަލް މެސީއާއި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑާއެކުވެސް ޗެމްޕިއަންސް ލީގު ހޯދި، ރެކޯޑު ގޯލު ޖެހުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު އެ މުބާރާތުގައި 100 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.
ބާސާއިން ފުރަތަމަ ހާފުގައި އިތުރު ހަމަލާތައް އުފެއްދި ނަމަވެސް، އެޓީމުން ދެވަނަ ހާފުގައި ލީޑު ފުޅާކުރީ 66 ވަނަ މިނެޓުގައެވެ. އެއީ އޭރިއާ ތެރެއިން ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ޑެނީ އޮލްމޯ ޖަހައިދިން ގޯލެކެވެ.
މެޗު ނިމެން ދަނިކޮށް، ބާސާގެ ތިންވަނަ ގޯލުވެސް ޖެހީ ލެވަންޑޯސްކީއެވެ. އެއީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި 101 ވަނަ ގޯލެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގައި އެޓީމުން ވަނީ ކުރީކޮޅުގައި ދެ ގޯލު ޖަހައިފައެވެ. އެއީ ގެބްރިއަލް މާޓިނެލީއާއި ކައި ހަވާޓްސް ޖެހި ގޯލެކެވެ. ހަވާޓްސްގެ ގޯލަށް އެސިސްޓް ކޮށްދިނީ ރޭގެ މެޗުގައި މޮޅަށް ކުޅުނު ބުކަޔޯ ސަކާއެވެ.
ހާފު ނިމުމުގެ ކުރިން ގެބްރިއަލް އާސެނަލްގެ ތިންވަނަ ގޯލު ޖެހި އިރު، ދެވަނަ ހާފުގައި ސަކާ ވަނީ އާސެނަލަށް އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދީފައެވެ. އެއީ ޕެނަލްޓީއަކުންނެވެ. އާސެނަލްގެ ފަހު ގޯލު ލިއާންޑްރޯ ޓްރޮސާޑް ޖެހި އިރު، ސްޕޯޓިންގެ ހަމައެކަނި ގޯލު ޖަހައިދިނީ ގޮންކާލޯ އިނާޝިއޯއެވެ.
ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، އޭސީ މިލާނުން ވަނީ ސްލޮވަން ބްރަޓިސްލާވާ ކައިރިން 3-2 އިން މޮޅުވެފައެވެ. އަދި އިންޓަ މިލާނުން 1-0 އިން ލެއިޕްޒިގް ބަލިކުރި އިރު، ބަޔާން ލެވަކޫސަން ވަނީ 5-0 އިން ސާލްސްބާގު ބަލިކޮށްފައެވެ.
އިންޓައިން ރޭ ހޯދި މޮޅާއެކު އެޓީމުން އެއްވަނައިގައި ފަސް މެޗުން 13 ޕޮއިންޓާއެކު އޮތް އިރު، ބާސާއިން ދެވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާއެކުގައެވެ. ބަޔާން ލެވަކޫސަން ފަސް މެޗުން 11 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތް އިރު، އާސެނަލް ހަތްވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ. އޭސީ މިލާން މިވަގުތު 14 ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.