އިބްރާހިމް ޒަކީ
ތައިލެންޑުގަައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ހަމަޖެއްސުމަށްޓަކައި މަޖިލީހުން ރުހުންދޭން ފެންނަކަމަށް އެ މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ފުއާދު ސަފީރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު، މަޖިލިސް ތަޅުމަށް އިއްވުމުން މަޖިލިސް ރައީސް ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ދެން ކޮމިޓީގެ ރިޕޯޓް ފޮނުވާނީ ފުއާދަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މަޖިލިސް ތަޅުމަށެވެ.
އާ ގާނޫނުއަސާސީ އާއެކު 2008 ވަނަ އަހަރު، އީސީގެ މެންބަރެއްގެ ގޮތުގައި ގުޅިވަޑައިގެން، އެއް އަހަރު ދުވަހު އެ ކޮމިޝަންގައި މަސައްކަތް ކުރެއްވުމަށްފަހު 2009 ވަނަ އަހަރު ކޮމިޝަންގެ ރައީސްކަމަށް ފުއާދު އައްޔަންކުރިއެވެ.
އެ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ފުރުއްވުމަށްފަހު ފުއާދު އިީސީން ވަކިވެވަޑައިގެންނެވިއެވެ. އަދި ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.