ޚަބަރު

އެފްއެސްއެމްގެ އެމްޑީ ކަމުން ސުހައިލް އިސްތިއުފާ ދެއްވައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްމާއިލް ސުހައިލް އިސްތިއުފާ ދެއްވައިފިއެވެ.

އެފްއެސްއެމްގެ އެމްޑީގެ މަގާމުން ސުހައިލް އިސްތިއުފާ ދެއްވައިފައިވާކަން އެސްޓީއޯއިން ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

އެފްއެސްއެމްގެ އެމްޑީގެ މަގާމުން ސުހައިލް އިސްތިއުފާ ދެއްވައިފައިވާ މިވަނީ އޭނާ އެ މަގާމުން ވަކި ކުރަން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އެފްއެސްއެމްގެ އެމްޑީގެ މަގާމަށް ސުހައިލް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ސުހައިލް ވަނީ މާޅޮސްމަޑުލު ކައުންސިލްގެ ސެކްރެޓްރިއޭޓްގެ މަގާމާއި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ގޯލްޑުކީ ޕްރައިވެޓް ލިމިޓެޑްގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސުހައިލް ވަނީ ޕީޕީއެމްގެ ޑެޕިއުޓީ ޓްރެޝަރާގެ މަގާމާއި އެޕާޓީގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވައިފައެވެ.