ޚަބަރު

އިޒްރޭލް ޕާސްޕޯޓް އެއްކޮށް މަނާކުރަން ގެސްޓްހައުސް އެސޯސިއޭޝަނުން ދެކޮޅު

އިބްރާހިމް ޒަކީ

އިޒްރޭލް ޕާސްޕޯޓް އޮންނަ ކޮންމެ މީހަކު ރާއްޖެ އެތެރެވުން މަނާކުރުމުގެ ބަދަލުގައި، އިޒްރޭލުގެ ވެރިން ރާއްޖެ އައުން މަނާކުރަން ގެސްޓްހައުސް އެސޯސިއޭޝަނުން އެދިއްޖެއެވެ.

އެ އެސޯސިއޭޝަނުން އެގޮތަށް އެދިފައިވަނީ، އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އެ އެސޯސިއެޝަނުން ދެކޭ ގޮތް ހުށަހަޅަމުންނެވެ.

ފަލަސްތީންގެ މުސްލިމުންވެސް ޑުވެލް ޕާސްޕޯޓްގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށް ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ އެންމެން ރާއްޖެ އައުން މަނާކުރުމާ ދެކޮޅު ކަމަށެވެ. އަދި އިނގިރޭސި ވިލާތުގައިވެސް އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ ކަމަށާއި އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއް ކަމަށްވެސް ވިދާޅުވިއެވެ.

ފަލަސްތީނުގައި ހިންގާ ލާއިންސާނީ ގަތުލު އާއްމުތަކާ ގުޅިގެން އިޒްރޭލް ބޮޑުވަޒީރާއި ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ނެރެފައިވާ އަމުރަށް އިޝާރާތް ކުރައްވައި އެ ބޭފުޅުން ވިދާޅުވީ، އައިސީސީން ވަރަށް ސާފުކޮށް ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި ޖުމުލަކޮށް ހުރިހާ ޔަހޫދީނަށް ފިޔަވަޅު އަޅަން ނިންމާފައިނުވާ ކަމަށާއި އެ ނިންމުން ފެންނަން އޮތުމުން އެގޮތަށް ކަނޑައެޅިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން އިންޑަސްޓްރީއަށް ނުރަނގަޅު އަަސަރުތަކެއް ކުރާނެ ކަމަށް ބެލެވެނީ، ހާއްސަކޮށް އޮންލައިން ޕްލެޓްފޯމްތަކުގެ މޭޖާ ޝެއާހޯލްޑް މި އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބައެއްގެ އަތުގައި، އެއީ ރާއްޖެ ކަހަލަ ކުޑަ ގައުމެއްގެ އިގުތިސާދަށް ހީނަރުކަމެއް އައިސްފާނެ މިހާ ބޮޑު ސްޓޭންޑެއް ރާއްޖެއިން ނަގައިފިއްޔާ،" ގެސްޓްހައުސް އެސޯސިއޭޝަންގެ ބޭފުޅުން ވިދާޅުވިއެވެ.