ހުޅުމާލެ މޮނިއުމަންޓުތައް ޑިޒައިންކުރީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަމަށްބުނެ ޝަކުވާ ހުށަހެޅުމާ ގުޅިގެން އެ ޝަކުވާތައް ބަލައި، ވަނަ ލިބުނު ޑިޒައިންތައް ރިވިއުކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ މޮނިއުމަންޓުތައް ޑިޒައިން ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ގައި ވަނީ އިއުލާންކޮށްފައެވެ.
ހުޅުމާލެ މޮނިއުމަންޓުތަކަށް ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނައަށް ހޮވިފައިވަނީ އަބްދުﷲ ޝައިމާން ވަހީދާއި އިބްރާހިމް އިފާޒްގެ ޓީމު، "ޓީމު އާކޯސް" އިން ހުށަހެޅި ޑިޒައިނެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިޒައިންތައް ހުށަހެޅުމަށް ދިން މުއްދަތުގެ ތެރޭގައި ހަތް ފަރާތަކުން ޑިޒައިންތައް ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުންތަކުގެ މެދުގައި ވަނަ ހޮވާފައިވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު ކަމަށެވެ.
"ނަމަވެސް، ދެންނެވުނު މުބާރާތުން އެއްވަނައަށް ދިޔަ މޮނިއުމަންޓު ޑިޒައިންތަކަކީ އޭއައި ޖެނެރޭޓެޑް ޑިޒައިންތަކެއް ކަމަށްބުނެ އާންމުންގެ ޝަކުވާ މި ކޯޕަރޭޝަނަށް ލިބުމާ ގުޅިގެން އެ ޝަކުވާތައް އިތުރަށް ބަލައި، ވަނަ ލިބުނު ޑިޒައިންތައް ރިވިއުކުރުމުގެ މަސައްކަތް މި ކޯޕަރޭޝަނުން ކުރަމުން އަންނަ ވާހަކަ ދަންނަވަމެވެ..،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
އެޗްޑީސީން ބުނީ އެ މުބާރާތުގެ މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ހިޔާލާއި ވިސްނުން ހިމެނުން ކަމުގައިވާތީ، އެފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަކަށް އެ ކޯޕަރޭޝަނުން އަމަލު ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުންނާ ގުޅޭ އެފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކޯޕަރޭޝަންގެ ހުރިހާ މަސައްކަތްތަކަކީ ވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހެދުމަކީ އަމާޒެއް ކަމަށާއި އަދި އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.