ފޮރިން މިނިސްޓްރީ

ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން ވޯޓު ދިނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް: ފޮރިން މިނިސްޓްރީ

މަރިޔަމް ޝަހުދާ

ރޭކުރިއަށް ދިޔަ އދ. ގެ އާންމު މަޖިލީހުގައި ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި)ގެ މައްސަލައިގައި އދ ގައި ރާއްޖެއިން ވޯޓު ދިނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު އާންމު ކުރި ބަޔަނެއްގައި ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގާނޫނުގައި ކަނޑައަޅާފައިވަނިކޮށް، އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދގެ އާއްމު މަޖިލީހަށް ނުވަތަ އެނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ދިވެހި ސަރުރާކުން ތާއީދު ނުކުރާނެ ކަމަށެވެ. އަދި 2010 ވަނަ އަހަރު އދ އަށް ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައިވާ ކަމަށާއި، މި ހުށަހެޅުމާމެދު އދ އިން ވަކިގޮތެއް ނިންމާފައި ނުވަނީސް ފޯޅަވަހީގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމަން ޖެހޭ ކަމަށް ބުނެ ތާއީދުކޮށްފިނަމަ ރާއްޖެއިން އދ އަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ސުވާލު އުފެދޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިފަދަ ކަންކަމުގައި ރާއްޖެއިން ހިފަހައްޓަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތްކަމަށް ސަރުކާރުން ގަބޫލުކުރައްވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އދ ގެ އާންމު ޖަލްސާގައި ރާއްޖެއިން ވޯޓު ދިން ގޮތް ހާމަކުރުމުގަ އާއި ފޯޅަވަހި މައްސަލައިގެ ބަހުސްގައި ވެސް ރާއްޖެއިން މިކަން ސާފުކޮށްދީފައި ވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓްރީން ބުނީ މި ސިޔާސަތަކީ 1990 އިން ފެށިގެން ރާއްޖެއިން ދަމަހައްޓަމުން އަންނަ ސިޔާސަތު ކަމަށެވެ.